މީޑިއާނެޓުން ކަރޯކޭ ނައިޓެއް ބާއްވަން ނިންމައިފިއެވެ.
މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ބުނީ ކަރޯކޭ ނައިޓް ބާއްވަން ހަމަޖެހިފައިވަނީ 6 މާރޗް ވާ ހުކުރު ދުވަހުގެ ރޭ 09:00 އަކުން 10:00 އަކަށް ކަމަށެވެ. މި ނައިޓްގައި ބައިވެރިވެގެން ހިލޭ ކޮފީއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.
މީޑިއާނެޓުން ބުނީ މި ހަރަކާތުގެ ތެރެއިން މީޑިއާނެޓްގެ އެމް580 އަދި އެމްއެކްސް380 ޑީކޯޑަރ ބޭނުން ކުރެވޭނެ ކަަމަށާއި، މިއީ ދިވެހިރާއްޖޭގައި ޑީކޯޑަރ ބޭނުންކޮށްގެން މިފަދަ މުނިފޫހި ފިލުވުމުގެ ޚިދުމަތެއް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
މި ޙިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މީޑިއާނެޓްގެ ފިހާރަތަކުން ކަރޯކޭ ސައުންޑް ބާރ އަދި މައިކް ލިބެން ހުންނާނެ ކަމަށާއި، ކަރޯކޭގެ އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. އެގޮތުން މީޑިއާނެޓް ފްރޮންޓް އޮފީހަށްގޮސް ކަރޯކޭ ޚިދުމަތުގެ އަޖުމަ ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކަރޯކޭ އެޕްލިކޭޝަން ޑީކޯޑަރުން ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމުން، މިވަގުތަށް ދިވެހި، ހިންދީ، އަދި އިނގިރޭސި 500 އަށްވުރެ ގިނަ ލަވަ ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މުސްތަޤުބަލުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް މީޑިއާނެޓުން ބުނެއެވެ.
ކަރޯކޭ އަކީ ލަވައިގައި ކިޔާ ޅެންބައިތުތައް (ސަބްޓައިޓަލް) މިއުޒިކާއެކު ޓީވީން ފެންނަ ގޮތަށް އިންތިޒާމް ކުރެވިފައިވާ މުނިފޫހި ފިލުވުމުގެ ހަރަކާތެކެވެ. އެގޮތުން ލަވައިގެ ލިރިކްސް ފެންނަ ގޮތަށް ލަވައިގެ މިިއުޒިކް ޓްރެކަށް ލަވަކިއުމުގެ ފުރުސަތު ކަރޯކޭއިން ލިބިގެންދާނެއެވެ.