ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 23:44
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ ގްރެފިކްސް
ރާއްޖޭގެ އިޤްތިޞާދު
ހިސާބުތަކުން ފެންނަނީ ބޯކޮށް ދައުލަތައް ޑޮލަރު ވަންނަ މަންޒަރެވެ...ދެން ވެގެން މިއުޅެނީ ކީއްހެއްޔެވެ؟
އިގްތިޞާދަށް ކުޑަވެސް ހީނަރުކަމެއް އާމްދަނީ އާ ގުޅިގެން އައިސްފައިވާ ކަން ފެންނަން ނެތް އިރު، ފެންނަނީ ބޯކޮށް ޑޮލަރު ލިބެމުންދާތަނެވެ.
ޚަބަރުގެ އޯޑިއޯ

ފާއިތުވި 13 އަހަރުތެރޭގައި ޓެކްސް ނިޒާމަށް ގެނެވުނު ތަފާތު ބަދަލުތަކުންނާއި، ޓެކްސް ރޭޓަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ އިގްތިޞާދު ފުޅާވުމާއެކު ދައުލަތައް ލިބޭ ޑޮލަރުގެ އާމްދަނީ ވަނީ އެތައް ގުނައަކަށް އިތުރު ވެފައެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް މަދުވެގެން 1،500 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

ދިވެހިރާއްޖޭގައި ޒަމާނީ ޓެކުހުގެ ނިޒާމެއް ގާއިމް ކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. މިގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދައި، ދައުލަތަށް ލިބޭ އާމްދަނީ ރައްޔިތުންނާއި ގަވައިދުން ހިއްސާކުރެވެމުން ދެއެވެ. ފޮންޏަސް ހިއްޗަސް އާމްދަނީ އާ ގުޅޭ ހަގީގީ މައުލޫމާތު ރައްޔިތުން ބޭނުން ހިނދެއްގައި ފެންނާނެ ހަރުދަނާ ނިޒާމެއް މިގައުމުގައި އުފައްދާފައި އެބައޮތެވެ.

އައު ސަރުކާރަށް ޑޮލަރު ލިބޭނެ މަގުތައް ހުރީ ތަނަވަސްވެފައި

ފާއިތުވި 13 އަހަރުތެރޭގައި ޓެކްސް ނިޒާމަށް ގެނެވުނު ތަފާތު ބަދަލުތަކުންނާއި، ޓެކްސް ރޭޓަށް ގެނެވުނު ބަދަލުތަކާއި، ރާއްޖޭގެ އިގްތިޞާދު ފުޅާވުމާއި އެކު ދައުލަތައް ޑޮލަރުން ލިބޭ އާމްދަނީ ވަނީ އެތައް ގުނައަކަށް އިތުރު ވެފައެވެ.

މިގޮތުން މީރާ އަށް މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ލިބުނު އާމްދަނީ، 2023 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް ލިބުނު އާމްދަނީ އާ އަޅާބަލާއިރު 9 އިންސައްތަ އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ހާއްސަކޮށް ޑޮލަރުގެ އާމްދަނީ 7 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރަށް ވުރެ 43 މިލިއަން ޑޮލަރު އިތުރަށް މިއަހަރުގެ މިހާތަނަށް މީރާއަށް ބަލައިގަންފައި ވާކަން އެ އިދާރާގެ ރިޕޯޓްތަކުން ފެންނާން އެބައޮތެވެ.

ޓެކުހުގެ ގޮތުގައި މީރާއަށް އަށް ބަލައިގަންނަ ޑޮލަރުގެ އިތުރުން ދައުލަތައް އާމްދަނީގެ ގޮތުގައި ޑޮލަރު ލިބޭނޭ އެހެން ކިތަންމެ ގޮތެއް ވެސް ހުރެއެވެ.

އޭގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލީބެނީ ދައުލަތް ހިއްސާވާ ކުންފުނި ތަކުގެ ތެރެއިންނެވެ. އެސްޓީއޯ އަދި އެފްއެސްއެމް އިން ރިސޯރޓްތަކަށް ކުރާ ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރަނީ ޑޮލަރުންނެވެ. އެލައިޑް އިންޝުއަރެންސް ކުންފުނީގެ މުއާމަލާތްތަކުން ޑޮލަރު ލިބެއެވެ. މޯލްޑިވްސް ގޭސް އިން ރިސޯރޓް ތަކަށް ސަޕްލައި ކުރާ ގޭހުންވެސް ޑޮލަރ ލިބެއެވެ. އެމްޓީޑީސީ އިން ކުއްޔަށް ދޫކޮށްފައިވާ ރިސޯރޓްތަކުގެ ކުލި ލިބެނީ ޑޮލަރުންނެވެ. އައިލެންޑް އޭވިއޭޝަން ގެ ސީޕްލޭން އޮޕަރޭޝަނާއި އެތެރޭގެ އުދުހުންތައް ބޭނުންކުރާ ފަތުރުވެރިން ގެ އަތުން ޓިކެޓް ވިއްކައިގެން ލިބެނީ ޑޮލަރެވެ.

އެއަރޕޯރޓްސް ކޮމްޕެނީގެ ޑޮލަރު އާމްދަނީ މި ހުރިހާ ކުންފުނިތަކާ ނުބައްދަލެވެ. އެ ކުންފުނީގެ 2023 ވަނަ އަހަރު ގެ ފަހު ކުއަރޓަރ ރިޕޯރޓްގައި ވާގޮތުން އެ ކުންފުންޏަށް 2023 ވަނަ އަހަރު 7،000 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. އެއަރޕޯރޓްސް ކޮމްޕެނީ އަކީ އިންޓަރނޭޝަނަލް އޮޕަރޭޝަނަކަށް ވުމާއި އެކު، އެ ކުންފުނީގެ އާމްދަނީ ގެ މަދުވެގެން 80 އިންސައްތަ ލިބޭނީ ޑޮލަރުން ކަމަށް އަންދާޒާ ކުރެވެއެވެ. އެހެން ކަމުން އެއީ 2023 ވަނަ އަހަރު އެކަނިވެސް 370 މިލިއަން ޑޮލަރު ލިބޭވަރުގެ ފުޅާ އޮޕަރޭޝަނެކެވެ. މި ނިސްބަތުން ބަލާނަމަ މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އާމްދަނީ އެއް އެއަރ ޕޯރޓްސް ކޮމްޕެނީގެ އޮޕަރޭޝަނުން އެކަނިވެސް ދައުލަތައް ލިބޭނެއެވެ.

މީގެ އިތުރުން މި ސަރުކާރަށް މެނޭޖް ކުރަން ނޭނގުނު މަސްވެރި ކަމުގެ ސިނާއަތުންވެސް މި އަހަރުގެ މިހާތަނަށް ވެސް 28،000 ޓަނު އެކްސްޕޯރޓް ކުރެވިފައިވާކަމަށް މަރުކަޒީ ބޭންކުން ރިޕޯރޓް ކޮށްފައި ވެއެވެ. އެންމެދަށް ރޭޓުން އަގު ކުރިނަމަވެސް 28،000 ޓަނުގެ މަސް އެކްސްޕޯރޓް ކުރުމުން މަދުވެގެން 40 މިލިއަން ޑޮލަރ ރާއްޖެއަށް ލިބޭނެއެވެ. އަދި ހަމަ އެހެންމެ، އެމްޕީއެލް އަކީ ވެސް ޑޮލަރު ލިބެމުންދާ ކުންފުންޏެކެވެ.

ދައުލަތައް ބޯކޮށް ޑޮލަރު ލިބޭ

ރާއްޖެއަށް ޑޮލަރުން ލިބޭ ވަރު ދަށްވެފައިވާކަމަށް ދައުލަތުން އާންމުކުރާ އެއްވެސް މާލީ ރިޕޯރޓަކުން ފާހަގަ ކޮށްފައި ނުވެއެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުން ކުރި ފުރައްސާރައިގެ ސަބަބުން އިންޑިއާގެ ފަތުރުވެރިން ރާއްޖެ އަށް އައި އަދަދު މަދުވީ ކަމުގައި ވިޔަސް، ރާއްޖެ އާއި ފަތުރުވެރިންގެ ޖުމްލަ އަދަދު މިއަދާ ހަމައަށް ބަލާއިރު، މިދިޔަ އަހަރަށް ވުރެއް 10 އިންސައްތަ އިތުރުވެފައިވެއެވެ.

ޖަނަވަރީ މަހުން ޖުލައި މަހާ ހަމައަށް މީރާއަށް ޑޮލަރު ލިބުނު މިންވަރު - ރާއްޖެއެމްވީ ގްރެފިކްސް

އިގްތިޞާދަށް ކުޑަވެސް ހީނަރުކަމެއް އާމްދަނީ އާ ގުޅިގެން އައިސްފައިވާ ކަން ފެންނަން ނެތް އިރު، ފެންނަނީ ބޯކޮށް ޑޮލަރު ލިބެމުންދާތަނެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް މަދުވެގެން 1،500 މިލިއަން ޑޮލަރ ވަނީ ލިބިފަ އެވެ. މިއީ ފާއިތުވި އަހަރުގެ އެ މުއްދަތައް ލިބުނު ޑޮލަރ އާމްދަނީ އަށްވުރެއް މަދުވެގެން %10 އިތުރު އަދަދެކެވެ.

އިމްޕޯޓަކަށް ބޮޑު ބަދަލެއް ނާދޭ

ދެންއޮތީ އިމްޕޯރޓް ގެ ވާހަކަ އެވެ. ބޭރު ފައިސާގެ ޚަރަދުތައް ބޮޑުތަނުން އިތުރުވާނެ އެއްގޮތަކީ އިމްޕޯޓަށް ބޮޑު އެއްޗެއް ހޭދަކުރަން ޖެހުމެވެ. މޯލްޑިވްސް ކަސްޓަމްސް ގެ ޑޭޓާ ބުނާގޮތުން، މި އަހަރުގެ މިހާތަނަށް އިމްޕޯރޓް ކުރެވިފައި ވަނީ މަހެއްގެ މައްޗަށް 291 މިލިއަން ޑޮލަރުގެ މުދަލެވެ. މިދިޔަ އަހަރުގެ އިމްޕޯރޓްސް މަހެއްގެ މައްޗަށް ޖެހިފައިވާ އެވަރެޖް އަގަކީ 290 މިލިއަން ޑޮލަރެވެ. މާބޮޑު ތަފާތެއް ނެތެވެ.

މަހެއްގެ މައްޗަށް އެވްރެޖްކޮށް އިމްޕޯޓްކުރެވޭ މިންވަރު (ޑޮލަރުން) - ރާއްޖެއެމްވީ ގްރެފިކްސް

މާނައަކީ އިމްޕޯޓް ޚަރަދުތަކަށް މާ ބޮޑު ތަނުން ޑޮލަރު ހޭދަކުރާން ޖެހުނު ތަނެއްވެސް ފެންނާކަށް ނެތެވެ. މިއީ ސަރުކާރަށް އޮޅުވާނުލެވޭ ގޮތަށް ހުރި މައުލޫމާތު ބުނެދޭ ހަގީގަތް ތަކެވެ.

ވެގެން މިއުޅެނީ ކީއް؟

ގައުމު ހިންގުމުގެ ހުރިހާ ބާރުތަކެއް އޮތީ ސަރުކާރުގެ އަތުގައެވެ. ވެރިކަމާ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ވެސް ސަރުކާރުގެ އަތުގައެވެ. ހެނދު ވައްދާ ބިލު ޖެހިގެން އަންނަ ދުވަހުގެ މެންދުރުވާއިރު ގާނޫނަކަށް އެބަ ބަދަލު ކޮށްލަދެއެވެ. ބޭނުން ސިޔާސަތެއް ބޭނުން ގޮތަކަށް ތަންފީޒް ކުރަން ހުރިހާ ފުރުސަތެއް އޮތީ ތަނަވަސްވެފައެވެ.

ކަން މިހެން އޮތްއިރުވެސް ޒިންމާދާރުކަމެއް ނެތި، ކުއްލި ކުއްލިއަށް ނިންމުންތައް ނިންމައި، ދައުލަތުގެ ޚަޒާނާއިން ޚަރަދުތައް ކުރަނީއެވެ. އިންޑިއާ އާ "ޒާތީވެ" އިންޑިއާ ސިފައިންގެ ބޭނުން ނެތްކަން ދައްކަން 35 މިލިއަން ޑޮލަރަށް ނުއަގުގައި 2 ޑްރޯން ގަތީއެވެ. އެ ރުންކުރުކަންމަތީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ނަގާފައިވާ ލޯނަކަށް ލުއިތައް ދެމުން އިންޑިއާ އިން ދަނިކޮށް ކުއްލިއަކަށް ލޯނު ދައްކާލީއެވެ. ރަސްމާލެ ހިއްކުމަށް ރައްޔިތުންގެ މަޖްލިސްއިން ދެކޮޅު ހެދުމުން، ގަދަބަސް ބުނެ، ރާޖޫއަށް އެތައް މިލިއަނުން ފައިސާދީ ރަސްމާލެ ޕްރޮޖެކްޓް ފެށީއެވެ. މިދަށްކަނީ މަދުވެގެން 90 މިލިއަން ޑޮލަރު ގެ ޕޭމަންޓްތަކެއްގެ ވާހަކައެވެ.

އަނެއްކޮޅުން ދައުލަތުގެ ޚަޒާނާއިން ބޮޑެތި ހޭދަ ހިނގާ ގޮތައް ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރު ކޮށް ވަޒީފާތައް ބަހަމުން ގެންދަނީއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕޭރޯލަށް އައިސްފައިވާ ބަދަލުތަކުން ކުންފުނިތަކުންވެސް ވަޒީފާ ބަހާފައިވާ މިންވަރު އެބަފެނެއެވެ. ބޭނުން ނުހިފޭ އެތައް މުވައްޒަފުން ސަރުކާރުގެ ކުންފުނިތަކަށް ވައްދައިފިއެވެ. "ބަންޑާރަ ކަފަ އަމިއްލަ ބާލީހަށްލާ އުސޫލުން" ޚަޒާނާ ހުސްކުރަން ދިމާކުރުމުން ޚަރަދުތައް ބޮޑުވާ ވާހަކަ ދައްކާނެ ބޭނުމެއްނެތެވެ. އުފައްދަން ނުޖެހޭ މިނިސްޓްރީތަކާއި ބޭނުމެއް ނެތް އޮފީސްތައްވެސް އުފައްދަނީއެވެ. ރަސްމިއްޔާތުތަކާއި ހަފްލާތަކާއި، ބައްދަލުވުންތަކުގެ ވާހަކަ ދައްކާނެކަމެއް ނެތެވެ.

މީގެ ނަތީޖާ އެއްގެ ގޮތުން ކެޕިޓަލް ހަރަދު ކުޑަކުރަން މަޖުބޫރުވެ، ރައްޔިތުންގެ އުންމީދުކުރަމުން އައި ތަރައްގީ މަޑުޖެހި ކުރިއެރުން މުޅިން ހުއްޓިއްޖެ އެވެ.

މިއުޅެނީ އަލަށް ގައުމެއް އުފަން ވެގެންނެއް ނޫން

މިއުޅެނީ އަލަށް ބަޔަކު ގައުމެއް އުފަންކޮށްގެންނެއް ނޫނެވެ. އައު ބަޔަކު މި ހަވާލުވީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ ސިނާއަތަކާއި، އެކަށީގެންވާ ކުރިއެރުންތަކެއް ހޯދާފައިވާ މަސްވެރިކަމުގެ ސިނާއަތެއް އޮތް ގައުމަކަށެވެ. ބައިނަލް އަގްވާމީ ވައިގެ ބަނދަރުތަކާއި، ޑޮމެސްޓިކް ބަނދަރުތަކާއި، ރަނގަޅު ފެންވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމްވެފައި ހުރި އަދި އެތަންތަނުން ނިސްބަތުން އެކަށީގެންވާ އާމްދަނީ އެއް ލިބެމުން އައި ގައުމެކެވެ. ރަނގަޅު ޓެކްސްގެ ނިޒާމަކާއި، ސޮވެރިން ޑިވެލޮމްޕަންޓް ފަންޑެއް އުފައްދާ އެ ފަންޑަށް ފައިސާ ވަންނާނެ ގޮތްތައް ގާއިމްވެފައި އޮތް ގައުމެކެވެ.

ކުރުކޮށް ދަންނަވާނަމަ މިއުޅެނީ ގައުމުގެ މައްސަލަ އެއް އުޅޭތީއެއް ނޫނެވެ. ހަގީގަތުގައި މި އުޅޭހާ ވެސް މައްސަލައަކީ ހުރިހާ ކަމެއްވެސް ވަރަށް ފަސޭހައިން ވާނޭ ބުނެ ސަރުކާރާ ހަވާލުވެ ކަންކަރާނެ ގޮތް ސަރުކާރާ ހަވާލުވި މީހުންނަށް ނޭނގުމުގެ މައްސަލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
9 ސެޕްޓެންބަރ 2024 | ހޯމަ 19:26
ވިސްނާ
"ހަމީ" ބަރާބަރުވާހަކައެއް
9 ސެޕްޓެންބަރ 2024 | ހޯމަ 16:18
ހަމީ
ސޯލިހު ސުލޯވެގެން އެއައްވުރެ ފާސްޓުކުރަން ރޭސްކާރަކަށް އަރާ މުއިޒު އެއިނީ. އެކަމަކު ރަނގަޅަށް ދުއްވަން ނޭގެންޏާ ތަންތާޖެހޭނެ. ދެންކާރު ކުށްވެރިމިވަނީ. މިހާރު ދުވަނީ ކުރިއަށް ފޫޓެއް ފަހަތަށް ތިންފޫޓު.