އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އުރީދޫ އިން އިތުރުކޮށްފިކޮށްފިއެވެ.
އުރީދޫ އިން ބުނީ 2020 ވަނަ އަހަރު ބާއްވާ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށާއި އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުޠުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް ޢައްޔަނު ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށް އުރީދޫން ވަނީ އެދިފައެވެ.
މި އަހަރު އުރީދޫގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައެވެ.
އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ބާއްވާފައިވާ ޚާއްޞަގޮތުން ކުރާ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން، 2020 ވަނަ އަހަރަށް އޮޑިޓަރުން ޢައްޔަނުކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން، 2019 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅާ ފާސްކުރުން ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.
އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ގޮސް ރަޖިސްޓަރ ކުރެވޭނެއެވެ. ރަޖިސްޓަރ ކުރަން އަންނައިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން އައުމަށް އުރީދޫ އިން އެދެއެވެ.
އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މާލެއިން ކުރުނބާ މޯލްޑިވްސް އަށް ދަތުރު ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުންޏެވެ. މިގޮތުން ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (2 މާރިޗު 2020 ވާ ހޯމަ ދުވަހު)ގެ ރޭގަނޑު 7:00، 7:15 އަދި 7:30 ގައެވެ.