ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ މަސައްކަތަށް ކުރެވުނީ ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލުގެ އިބްތިދާއީ ބަހުސްއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ތަޅުމުގައި ހުށަހަޅުއްވައިދެއްވީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެވެ.
މި ބިލު ގާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި މިނިވަން މުސްތަޤިއްލު ޝަޚްޞެއް އުފެދުނީއެވެ. މި އިންސްޓިޓިއުޓްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރުން ދެެއްކެވި ވާހަކަތަކަށް ބަލާލާއިރު ގިނަ މެމްބަރުން ތާއީދު ކުރައްވަނީ ވަކި ފަންނަކަށް މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
ބިލްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ހުރިހާ 'ޕްރޮފެޝަނަލް' ދާއިރާތަކެއް، ނުވަތަ ފަންނީ ދާއިރާތައް ރެގިއުލޭޓްކުރުމަކީ ދިވެހި ރާއްޖޭގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް މެމްބަރު ވިދާޅުވީ ކޮންމެ ދާއިރާއަކަށް ރެގިއުލޭޓް ކުރާނެ އަދި ލައިސަންސް ދޫކުރާނެ މުއައްސަސާއެއް ވަކިވަކިން ކަނޑައެޅެންޖެހޭނަމަ ދައުލަތުގެ ޚަރަދުތައް އިތުރުވެ، ރެގިއުލޭޓްކުރުމުގެ ނިޒާމު ފަހަރުގައި ބަލި ކަށިވެ، އަގުބޮޑު ނިޒާމަކަށްވެގެން ހިނގައިދާނެ ކަމަށެވެ.
އެހެންކަމުން މެމްބަރު ހުށަހެޅުއްވީ އިތުރު ރެގިއުލޭޓަރީ ނުވަތަ ލައިސެންސިންގް މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި ހުރިހާ ފަންނީ ދާއިރާތަކެއް އެއްތަނަކުން ރެގިއުލޭޓް ކުރެވި، ދައުލަތަށް ބުރަ ބޮޑު ނުވާނެހެން ރާވާލެވޭނެ މުއައްސަސާއެއް އުފެއްދުމަށެވެ.
މިބިލު ކޮމެޓީ މަރުހަލާއަށް ދިއުމުން މަޝްވަރާކޮށް، އިތުރު ރެގިއުލޭޓަރީ ނުވަތަ ލައިސެންސިންގ ބޮޑީއެއް އުފެއްދުމުގެ ބަދަލުގައި އަޅުގަނޑުމެން މިވަގުތު ވިސްނަންވެފައި މިވަނީ މުޅި ހުރިހާ ފަންނީ ދާއިރާތަކެއް އެއްތަނަކުން ރެގިއުލޭޓް ކުރެވި، އެއްތަނަކުން ލައިސަންސް ދޫކުރެވި، އެއްތަނަކުން ހުރިހާ ފަންނުތަކެއްގެ ފެންވަރު ކަނޑައެޅި، ޒިންމާދާރުކުރުވުމުގެ ނިޒާމު ދައުލަތަށް ބުރަ ބޮޑު ނުވާނެ ހެން ރާވާލެވޭނެ.ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު![]()
ޖިހާންގެ މި ހުށަހެޅުއްވުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ތާއީދުކުރައްވާ ވިދާޅުވީ މި ބިލު ހުށަހެޅުނު މަގްސަދު ކިތަންމެ މުހިއްމު ވީނަމަވެސް، މި ބިލު ވުޖޫދުވުމާއިއެކު ދައުލަތަށް އިތުރަށް މާލީގޮތުން ބުރަބޮޑުވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ 59.4 އިންސައްތަ އަކީ ރިކަރަންޓު ހަރަދުކަން (ހިންގުމުގެ ހަރަދުކަން) ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހެން ބޭނުން ނުވާކަމަށެވެ.
ބަޖެޓު މަރުހަލާގައި ވަރަށް ގިނަ އިއްޒަތްތެރި މެމްބަރުން ފާހަގަކުރެއްވި ނުކުތާއެއް، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަށް ބަލާލައިރު ރިކަރަންޓު ހަރަދުގެ ގޮތުގައި މިއަހަރު އެކަނިވެސް 22.2 ބިލިއަން ރުފިޔާ. އެއީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ މުޅި ބަޖެޓުގެ 59.4 އިންސައްތަ ރިކަރަންޓު ހަރަދުގެ ގޮތުގައި. ހިންގުމުގެ ޚަރަދުގެ ގޮތުގައި. ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތަކަށް އަޅުގަނޑުމެން އިންތިޒާރުކޮށްގެން ތިބީ. މި ދައުރަކީ، ރިޔާސީ ދައުރަކީ. އެހެންމަ އަޅުގަނޑުމެން ބޭނުމެއްނޫން ޚަރަދުތައް ބޮޑުވެގެން އެއްވެސް ހާލެއްގައި ކުޑަތަންކޮޅެއް ނަމަވެސް މަޑުޖެހޭކަށް.ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް![]()
ބިލުގައި ބަޔާންކުރާ މުއައްސަސާ އުފެއްދުމަށް މިއީ އެންމެ ރަނގަޅުވަގުތު ތޯ ސުވާލުއުފައްދަވާ މެމްބަރު ވިދާޅުވީ، ކޮންމެ ބިލަކާއި އެކު އޮފީހެއް އުފައްދަންޖެހޭނަމަ ހިންގުމުގެ ޚަރަދުބޮޑުވާނެ ކަމަށެވެ. ބިލު ބަލައިގަތުމަކީ މުހިއްމު ކަމެއް ނަމަވެސް އެ ބިލު މަޑު ޖައްސާލުމަށްފަހު، ބިލުގެ ކުރިއަށް ޕްރޮފެޝަނަލުން ކުރިއެރުވުމުގެ ބިލެއް އެކުލަވާލުމަށްފަހު ހުރިހާ ފަންނެއް އެއްފުރާޅެއްގެ ދަށުން ރެގިއުލޭޓް ކުރެވޭނެ ގޮތް ތަނަވަސް ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްވެސް އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއެވެ. މެމްބަރުވެސް ވިދާޅުވީ މި ބިލު ގާނޫނަކަށްވެ، ވަކި މުއައްސަސާއެއް އުފެދުމާއިއެކު ދައުލަތަށް އިތުރު މާލީ ބުރައެއް އިތުރުވާކަމަށެވެ. އެގޮތުން އެއްފުރާޅެއްގެ ދަށުން ހުރިހާ ފަންނުތަކެއް ރެގިއުލޭޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަކީ ރަނގަޅު ކަމެއް ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެން ބާ ކައުންސިލް އުފައްދައިފިން. މީޑިއާގައިވެސް އެބައޮތް ދެ ކައުންސިލް. ބްރޯޑްކޮމްއާއި އަދި މީޑިއާ ކައުންސިލް. މިހިރީ އެއް ޕްރޮފެޝަނެއްގެ ދަށުން، އެއް ކަމެއްގައި ދެ ކައުންސިލް އުފައްދައިގެން އަޅުގަނޑުމެން މިއުޅެނީ. ކޮންމެ ގާނޫނެއްގެ ދަށުން އުފައްދާ ވަކި ކައުންސިލްތަކެއް. މިއިން ކޮންމެ ކައުންސިލަކަށް އަޅުގަނޑުމެން ބައިވަރު ޚަރަދު ކުރަންޖެހޭ، ޚާއްސަކޮށް އިދާރީ ގޮތުން ކުރަންޖެހޭ ހަރަދުތައް. އިދާރީގޮތުން ކުރަންޖެހޭ ހަރަދުތައް ވަރަށްބޮޑުތަނުން ކުޑަވާނެ އެއް ފުރާޅެއްގެ ދަށަށް ގެނައީމަވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް![]()
މެމްބަރު ވިދާޅުވީ ކޮމެޓީ މަރުހަލާގައި މި ބިލަށް މަޝްވަރާކޮށް، އިތުރަށް ދިރާސާ ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.