7 ފެބްރުއަރީ 2012 އަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ދުށް އެންމެ ކަޅު އަނދިރި ދުވަހެވެ.
ރާއްޖޭގެ ޑިމޮކްރެސީގެ ޅަފަތުގައި ދިވެހިން އެތަކެއް އަހަރުތަކެއް ވަންދެން ދަލާއި ލޭ އޮހޮރުވައިގެން ބުރަ މަސައްކަތުން ގެނައި ސަރުކާރު، ހުދުމުތާރު ވެރިކަމަކަށް ދަހިވެތިވެފައިތިބި ބަޔަކު އަޑީގައި ތިބެގެން ގައުމުގެ ވަލިއްޔުލްއަމްރު އިސްތިއުފާދެއްވުމަށް މަޖުބޫރު ކުރި ދުވަހަކީ މި ބުނާ 7 ފެބްރުއަރީ އެވެ.
އެތައް ހާސް ބައެއްގެ އުއްމީދުތައް ފަނޑުކޮށްލަން މަސައްކަތް ކުރިނަމަވެސް އެމީހުންގެ ހިތްވަރަކަށް އަޒުމަކަށް ގުޑުމެއް ނާދެއެވެ.
"މަ ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީ އަކަށް" އަދިވެސް އެ ފަހުލަވާނުން ދަނީ ހަރުއަޑުން ގޮވަމުންނެވެ. އެމްޑީޕީން ރާއްޖޭގެ ވެރިކަމާ 2008 ވަނަ އަހަރު ހަވާލުވެ ދިގު 30 އަހަރުގެ ހުދުމުތާރު ވެރިކަމެއް ނިމުމަކަށް ގެނެސް ޑިމޮކްރެސީގެ ރިވެތި އުސޫލްތައް ރާއްޖޭގައި ޤާއިމްކުރުމަށް ކުރި މަސައްކަތް ވެގެން ދިޔައީ ސިޔާސީ ބަޔަކަށް ހަޖަމްނުވި ކަމަކަށެވެ.
ފުލުހުންނާއި ސިފައިގެންގެ ތެރެއިން މަދު ބަޔަކު އަޑީގައި ތިބެ ސިޔާސި ފަރާތްތަކުގެ ވާގިވެރިކަމުގައި ރައްޔިތުން އިންތިޚާބުކުރި ވެރިކަމަށްކަށް ނިމުން ގެނައެވެ. އަދި ޖެހިގެން އައި ދުވަސް މަގުމައްޗަށް ނުކުމެ ސިޔާސީ ބަޔަކަށް ވިކިފައި ތިބި މަދު ސިފައިންނާއި ފުލުހުންތަކެއް ދިވެހި ރައްޔިތުންނަށް އަނިޔާވެރި ވީވެސް ހަމަ އެދުވަހު އެވެ.
އެދުވަހުވެސް ރާއްޖޭގެ ޑިމޮކްރެސީގެ ބާނީ ރާއީސް މުހައްމަދު ނަޝީދު ހަރުއަޑުފުޅުން ވިދާޅުވަމުން ގެންދެވީ "މަ ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީ އަކަށް" މިހެންނެވެ.
އެމްޑިޕީގެ ވެރިކަން ބަޢާވާތަކުން ވައްޓާލިތާ އަށް އަހަރު ފުރުނު ދުވަހު އަނެއްކާވެސް ރައީސް ނަޝީދު މިވަނީ އެ ބަސްފުޅު ތަކުރާރު ކުރައްވާފައެވެ.
އެމްޑިޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލިތާ އަށް އަހަރު ފުރިފައިވާއިރު ހިތާމަ ކުރަންޖެހޭ ކަމަކީ އެ ބަޣާވާތުގެ އަޑީގައި ތިބިފަރާތްތައް ތިބީ ސަރުކާރުގެ ނިވަލުގައިކަމަވުމެވެ.
ކެބިނެޓުން ފަށައިގެންގޮސް ސަރުކާރު ހިންގާ ކޯލިޝަންގެ މުގުލުގައިވެސް ތިބީ އެފަރާތްތަކެވެ. އެޅުނު ފިޔަވަޅެއްވެސް ދެވުނު އަދަބެއް އެފަރާތްތަކަށް ނެތެވެ.
ބަޣާވާތް ތަހުގީގުކުރަން އެފެއްދެވި ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓަށް ވީގޮތް އަދިވެސް ނޭނގެ އެވެ. އެއަކީ ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކުގެ ލޮލުގައި އެޅުވި އަނދުނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މި ކަންކަން ތަހުގީގު ނުކުރެވޭނަމަ ބަޣާވާތުގެ މުގުލުގައި ތިބި ފަރާތްތައް އެކަންތަކުރާރު ކުރުމުގެ ފުރުސަތު އޮތުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ސަރުކާރު ތެރޭގައި ތިބެގެން ވެރިކަން ވައްޓާލުމަށް ރާވަމުންދާކަމީ ފެންނާން އޮތް ހަގީގަތެކެވެ.
ކަންކަން ތިލަވަމުންދާ ވަރަކުން މި ކަންކަން ފެންނަމުން އެބަދެއެވެ. އެމްޑީޕީގެ ދެވަނަ ވެރިކަން ބަޣާވާތަކުން ނުވައްޓާނެ ކަން ކަށަވަރު ކުރުމަށްޓަކައި ބަޣާވާތުގެ މޭސްތިރިން ސަރުކާރުން ބޭރުކުރަން ޖެހެއެވެ.
މަ ބާޣީއަކަށް ނުވާނެ ކަން ދިވެހިންނަށް ކަށަވަރުވާންޖެހޭ ބަޔަކު ސަރުކާރުގެ ތެރޭގައި ތިބެން ޖެހޭނެކަން ޔަޤީންވާން ޖެހެއެވެ. ރައީސް ނަޝީދު ވިދާޅުވި ފަދައިން "މަ ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް" ވާންޖެހެއެވެ.