ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 11:21
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
އެފްއޭއެމް
އޭއެފްސީ ކަޕް
ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ: ސެކުލޮސްކީ
ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެން
ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައި

ފުރަތަމަ ލެގުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ އެއްވަރުވި މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ޑާކާގެ ބަންގުބަންދު ނެޝަނަލް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މެޗުގައި މާޒިޔާއއިން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.

މި މެޗު އެއްވަރުވުމުން އަންނަ ހަފްތާގައި މާލޭގައި ކުޅޭ ދެވަނަ ލެގުގެ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުވި ނަމަވެސް، މާޒިޔާއަށް ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މެޗަށްފަހު މާޒިޔާގެ ކޯޗު ސެކުލޮސްކީ ބުނީ މި މެޗުގައި އެޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އަދި އަވޭ މެޗުގައި ދެ ލަނޑު ޖެހިއިރު، އެޓީމުން ގިނަ ފުރުސަތުތަކެއްވެސް ތަނަވަސްކުރި ކަމަށާއި އެކަމަކު މާލޭގައި ކުޅޭ ދެވަނަ ލެގުގެ މެޗަކީ އެހާމެ މުހިންމު މެޗެއް ކަމަށްވެސް ބުންޏެވެ.

މެޗަށްފަހު ކޯނޭ ބުނީ މި މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ ޕްލޭއޮފަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކުރަންވެސް ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައީ ކަމަށެވެ. އެކަމަކު މުޅި މެޗުގައިވެސް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ލެގުގެ މެޗު އެއްވަރުވެގެން ނިމުނުއިރު، ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައެވެ. ދެވަނަ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާއަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.

ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ. އަދި ޕްލޭއޮފުން ކުރި ހޯދައި މާޒިޔާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް