ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 11:24
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމް
އެފްއޭއެމް
ޓީސީ އާއި ގްރީންގެ ތާއީދުވެސް ބައްސާމަށް
އެފްއޭއެމްގެ އިންތިޚާބު ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައި
އިންތިޚާބުގައި ބައްސާމަށް ތާއީދުކުރުމަށް މިހާރު ތިން ކްލަބަކުން ވަނީ ނިންމާފައި

ކުރިއަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި މިހާރުވެސް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރުމަށް ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއިން ނިންމައިފި އެވެ.

އަންގާރަ ދުުވަހު އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އެ އިދާރާގެ އިންތިޚާބު އަވަސް ކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީއަށް ހުށަހަޅުއްވައި، އެކަމަށް ހިންގާ ކޮމެޓީން އެއްބަސްވެފައިވާކަން އިއުލާނުކުރައްވާފައެވެ. އެހެންކަމުން ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިޚާބު ބާއްވަން ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމްގެ އެ ޓްވީޓާއެކު މިހާރު ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބަކުން ވަނީ އޭނާއަށް ތާއީދުކުރާނެކަން ހާމަކޮށްފައެވެ. އެއީ ޓީސީ އާއި ގްރީންގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

އެ ތިން ކްލަބުންވެސް ބުނީ އެފްއޭއެމްގެ ރައީސްގެ މަގާމު އެންމެ ހައްގުވާ ބޭފުޅަކީ ބައްސާމް ކަމަށާއި، ދެވަނަ ދައުރަކަށް ބައްސާމް އިންތިޚާބުކުރަން ޖެހޭ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ބުނެއެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުން ބައްސާމް ވަކިކުރުމަށް ނިމިދިޔަ އަހަރު ބައެއް ކްލަބުތަކުން މަސައްކަތް ކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ހިމެނެއެވެ. އެކަމަކު އެ ދެ ކްލަބު މިހާރު ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް