ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 16:54
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
މުހައްމަދު ޝަރުހާން
ކުޅިވަރު ފައިލް
ފޯމެޓަށް ގެނައި ބަދަލުތަކުގެ ފޮނި މީރުކަން ފެންނާނީ ކުރިޔަށް އޮތް ސީޒަނުގައި: ބައްސާމް
މިހާރު ކުޅެމުންދާ ފޯމެޓް ރަނގަޅު
އަންނަ ސީޒަނުގައި ފޯމެޓުހަދާއިރު ކުދިކުދި ބަދަލުތަކެއް ފެނިގެންދާނެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓަށް ގެނައި ބަދަލުތަކުގެ ފޮނިމީރުކަން ފެންނާނީ ކުރިޔަށް އޮތް ސީޒަނުގައި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރުފައިލް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓަށް ބަދަލު ގެނައީ ކްލަބް ތަކާއި މަޝްވަރާކުރުމަށްފަހު ކަމަށާއި، ދެ ކްލަބެއް ފިޔަވާ ދެންހުރި ހުރިހާ ކްލަބަކުން ލީގު ފޯމެޓަށް ބަދަލު ގެނައުމަށް އެއްބަސްވި ކަމަށެވެ. ބައްސާމް ވިދާޅުވީ ފޯމެޓަށް ގެނައި ބަދަލާއި ގުޅިގެން އޭއެފްސީ ކަޕް ކުޅޭ ދެ ޓީމަށް ރަނގަޅު ކޮމްޕެޓިޓިވް މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބޭނެ ކަމަށާއި އެހެންކަމުން ޓީމުތަކުގެ ކޯޗުންނަށް އެޓީމު ބައްޓަން ކުރަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އަންނަ ސީޒަނުގައި ފޯމެޓުހަދާއިރު ކުދިކުދި ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި، ޑިސެމްބަރު މަހު މެޗުތައް ނުކުޅެން ނިންމައިފައިވާ ކަމަށެވެ. މިގޮތަށް ބަދަލު ގެންނަން ނިންމީ ސްކޫލު ބަންދު ދުވަސް ވަރަކަށް ވާތީ އާއި ކުޅުންތެރިން އެ ކުޅުންތެރިންގެ އާއިލާއާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތަށް ނިންމާފައިވަނީ ގިނަ ކްލަބުތަކުގެ ތާއީދާ އެކުއެވެ.

މިދިޔަ އަހަރު މުޅިން އަލަށް ޖޫން މަހު ފުޓްބޯޅަ ސީޒަން ފެށިއިރު، ޒަމާނުއްސުރެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަމުން އައީ ފެބްރުއަރީ ނުވަތަ މާޗު މަހު އެވެ.

ސީޒަން ފެށުން ޖޫން މަހަށް މިދިޔަ އަހަރު ލަސްކުރި އެންމެ ބޮޑު އެއް ސަބަބަކީ ކްލަބުތަކަށް މާލީ ގޮތުން އަޑިއަޅާލާފައިވާތީއާ އެކު ކްލަބުތައް ހަމަޔަކަށް އެޅުވުމަށް ފަހު ސީޒަން ފެށުމަށެވެ.

ސީޒަން ފެށުން ލަސްކުރި އަނެއް ސަބަބަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ޓީމުތަކަށް ފުރުސަތު ނެތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 ފެބްރުއަރީ 2020 | ބުދަ 21:40
ޖަމލ
ތިހެން ކިޔާގެން ގަޅަހެއްދުން އަހަރަކު 1 ފަހަރު