ލ. އަތޮޅު ފޮނަދޫގައި ބާއްވަން ނިންމައިފައިވާ އަންހެން ސެންޓްރަލް ޒޯނު ވޮލީ މުބާރާތް ފޮނަދޫގައި ބޭއްވޭނެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ފޮނަދޫގައި ބޭއްވުމަށް މަސައްކަތްކުރި ސެންޓްރަލް ޒޯން ވޮލީ މުބާރާތް ފުނަދޫގައި މާރޗް މަހު ބޭއްވޭނެކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ. އަދި މި މުބާރާތް ފަސްކުރުމަށް އޭވީސީގައި އެދިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ އޭވީސީގައި އެދިގެން މި މުބާރާތް ޖުލައި މަހަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން އެގޮތަށް ނުވިއްޖެ ނަމަ ލ. އަތޮޅުގައި މި މުބާރާތް ބޭއްވޭނެ ކަމުގެ އުންމީދު ނެތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރ މަހުލޫފް ހޯމަ ދުވަހު ވަނީ މިނިސްޓްރީގައި ވޮލީ އަންހެން އަދި ފިރިހެން ކުޅުންތެރިންނާއި ބައްދަލުކުރައްވައިފައެވެ. ޔޫތް މިނިސްޓްރީއިން ބުނީ މި ބައްދަލުވުމަކީ މިއަހަރު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.
ނިމިދިޔަ އަހަރު ބަންގާޅުގައި ބޭއްވުނު އޭވީސީ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ވަނީ ރިހި މެޑަލް ހާސިލް ކޮށްފައެވެ. އަދި ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ވެސް ވަނީ މި މުބާރާތުގެ ރިހި މެޑަލް ހޯދައިފައެވެ. މީގެ ކުރިން އޭވީސީ ސެންޓްރަލް ޒޯން ފިރިހެން ވޮލީ މުބާރާތް ވަނީ ރާއްޖޭގައި ބާއްވައިފައެވެ.