ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 09:05
ބާސާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން
ބާސާ އާއި ލެގަނޭސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮޕަ ޑެލް ރޭ
މެސީގެ 500 ވަނަ މޮޅާއެކު ބާސާ ކޮޕަ ޑެލް ރޭގެ ކުއާޓާއަށް
ލެގަނޭސް އަތުން ބާސާ މޮޅުވީ 5-0 އިން
މި މެޗަކީ ބާސާ ޖާޒީގައި މެސީ ހޯދި 500 ވަނަ މޮޅު

ލިއޮނެލް މެސީގެ 500 ވަނަ މޮޅާއެކު، ލެގަނޭސް ބަލިކޮށް ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ލެގަނޭސްގެ މައްޗައް ބާސާ ކުރިހޯދީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މިއީ ބާސާ ޖާޒީގައި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހޯދި 500 ވަނަ މޮޅެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކޮންޓްރޯލް ކުރިއިރު، މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. ނެލްސަން ސަމޭޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. އަދި ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކުން ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައިވެސް ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި މެސީ ވަނީ ބާސާގެ ތިންވަނަ ގޯލް ޖަހާފައެވެ. އަދި ހަތަރުވަނަ ގޯލް 77 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު އާތޫރު މެލޯ ކާމިޔާބުކޮށްދިންއިރު، ފަސްވަނަ ގޯލް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިވާން ރަކިޓިޗް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ މެސީ އެވެ.

ކޮޕަ ޑެލް ރޭގައި ރޭ ކުޅުނު މެޗުން ލެގަނޭސް އަތުން ބާސާ މޮޅުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެލެންސިއާ އަތުން ބާސާ ވަނީ ބަލިވެފައެވެ. ބުރާސްފަތި ދުވަހުގެރޭގެ މެޗަށްފަހު ބާސާގެ ކޯޗު ސެޓިއެން ބުނީ މި މެޗުގައި އެޓީމުގެ ކުޅުބންތެރިން ގިނަ ކަންތައްތަކެއް ރަނގަޅު ކޮޑށްފައިވާ ކަމަށާއި، އަދިވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް