ކ. މާލެ
|
25 ޖެނުއަރީ 2020 | ހޮނިހިރު 08:55
ޓީސީ އަދި ފޯކައިދޫ ބައްދަލުުކުރި މެޗުގެ ތެރެއިން
ޓީސީ އަދި ފޯކައިދޫ ބައްދަލުުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދަގަނޑޭ އަދި ސައްޓުގެ ލަނޑުތަކާއިއެކު ޓީސީއަށް ފަސޭހަ މޮޅެއް
މި މެޗު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ފޯކައިދޫ ފުޓުބޯޅަ ކްލަބް ބައްދަލުކުރި މެޗުގައި އަލީ އަޝްފާގް (ދަގަނޑޭ) އަދި އިޝާން އިބްރާހީމް (ސައްޓު) ގެ ލަނޑު ތަކާއިއެކު ޓީސީ އިން ފަސޭހަ ކަމާއިއެކު ފޯކައިދޫ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު ޓީސީއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޓީސީގެ ފަރާތުން ފެނިގެންދިޔައީ މޮޅު އެޓޭކިންގ ގޭމެކެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) އެވެ. މި ލަނޑަށްފަހު ވެސް ޓީސީއިން ވަނީ ފޯކައިދޫގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޓީސީއިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ސައްޓުއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީއިން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކުރިއިރު މިހާފު ފަށައިގެން ޓީސީގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. ޓީސީގެ ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ވާޑުގެ އެހީތެރިކަމާއިއެކުގައެވެ. މެޗުގައި ޓީސީއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ދަގަނޑޭއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިގެންދިޔައީ ޓީސީގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި މި މެޗުން ފެނިގެންދިޔައީ ޓީސީ މި ވަގުތު އޮތް ފޯމު ކަމަށެވެ. ޓީމުގައި މިވަގުތު ތިބީ ނަތީޖާ ނެރވޭނެ ފެންވަރުގެ ކުޅުންތެރިންކަން ޝާޒްލީ ފާހަގަކުރިއެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނީ ފޯކައިދޫއިން މިވަގުތު އޮތް ހާލަތަށް ބަލައި މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ފޯކައިދޫއިން ލީގުގައި ކަނޑައެޅި ޓާގެޓަށް ވާސިލް ވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް