ކ. މާލެ
|
15 ޖެނުއަރީ 2020 | ބުދަ 19:33
ސިފައިން އަދި ޖޭޖޭ ބައްދަލުކުރި މެޗުގެ ތެރެއިން
ސިފައިން އަދި ޖޭޖޭ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން
ސިފައިން ބަލިކޮށް ޖޭޖޭއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
މި މެޗު ޖޭޖޭއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން

ފަހަތުން އަރާ ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުން، ދެވަނަ ޑިވިޝަން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖޭޖޭއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސިފައިން މޮޅަށް ކުޅެ ޖޭޖޭގެ ހާފަށް ބާރުބޮޑު ކޮށްފައިވާއިރު މެޗުގެ 12 ވަނަ މިނެޓުގައި ސިފައިންގެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިބްރާހިމް ފާރިޝްއެވެ. މި ލަނޑާއެކު ޖޭޖޭއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ސިފައިންގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޖޭޖޭއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ސިފައިންގެ ޓީމުގެ ދެ ކުޅުންތެރިންގެ ގާތުން ނައްޓާލުމަށްފަހުއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ޖޭޖޭއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ސިމާޒެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޖޭޖޭ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމުކެވެ. އެގޮތުން މި ހާފުގައި ދެޓީމުގެ ކުޅުންތެރިންނަށްވެސް ލަނޑު ޖަހަން ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ސިފައިންގެ ޓީމުން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ކެޕްޓަން ހަސަން ފަވާޒްއަށެވެ. ޖޭޖޭއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހާއްޕެއެވެ. މިއީ ސިފައިންގެ ޓީމުގެ ޑިފެންސަށް ހެދުނު ގޯހުގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޭޖޭގެ ކޯޗު އައްސަދު އަބްދުލް ޣަނީ ބުނީ މިއީ ކުޅުންތެރިންކުރި ހިތްވަރުން ލިބުނު ކާމިޔާބީއެއް ކަމަށާއި މެޗަށް ނިކުތީ ސިފައިންނަކީ ވަރުގަދަ ޓީމެއްކަށް ދެނެގެން ކަމަށެވެ.

ސިފައިންގެ ކޯޗު މުހައްމަދު އާތިފް (އާތި) ބުނީ މެޗުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި، ނަމަވެސް މެޗުގައި ސިފައިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިޔަށް ހުރި މެޗުތަކުން މޮޅުވެ ފައިނަލަށް ދަތުރުކުރުން އެއީ ސިފައިންގެ ޓީމުގެ އަމާޒު ކަމަށްވެސް އާތި ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް