ޓްރެފިކް ފުލުހަކު ފެނިއްޖެނަމަ، އެ ފުލުހަކު ކުރަން ހުންނާނެ މަސައްކަތެއްގޮތުގައި ފެންނަނީ ކޮންމެވެސް ވެހިކަލެއްގައި ސްޓިކާ ޖެހުމުގެ މަސައްކަތެވެ. ކޮންވެސް މީހަކު ޖޫރިމަނާކުރުމުގެ މަސައްކަތެވެ. ވެރިރަށް މާލޭގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައިވެސް މިއަދު ފެންނަ އޮތް ހަޤީޤަތަކީ އެއީ އެވެ. ބައެއް ފަހަރު ފުލުހުން އެ ކުރާކަމަކީ ވާދައަށްކުރާކަމެކޭވެސް ހީވާ ކަހަލަ އެވެ. ރޮނގުން ކިތަންމެ ކުޑައެއްކޮށް ބޭރުވެފައި އިން ނަމަވެސް، އެ ވެހިކަލެއްގައި ސިޓްކާ ހިއްޕުމަށްފަހުގައި ނޫނީ ފުލުސް މީހާ އެ ސަރަހައްދު ދޫކޮށެއް ނުދެ އެވެ.
މި ހަޤީޤަތަކާއެކު އެތަށް ބަޔަކުގެ ނުރުހުމާ ނަފްރަތުގެ ބަސްތައް އަމާޒުވަނީ ސަރުކާރަށާއި، ފުލުހުންނަށެވެ. މުޖުތަމައުގައި ހިންގާ ބޮޑެތި ކުށްތައް ނުހުއްޓުވުނުނަމަވެސް، ސްޓިކާ ޖަހައި، އާންމު ރައްޔިތު މީހާ ޖޫރިމަނާކުރުން ނޫންކަމެއް ނުކުރާކަމަށް ބުނެ، އާންމު ރައްޔިތުންގެ ނުރުހުމުގެ އެތަށް ބަސްތަކެއް ކޮންމެ ދުވަހަކުވެސް ފުލުހުންނަށް އަމާޒުވެއެވެ. ލޯތައް ކުރިމަތީގައި ބޮޑެތި މާރާމާރިތައް ހިނގާއިރު، އެ ސަރަހައްދުގައި ހުންނަ ފުލުސް މީހާއަށް ކުރެވޭ ކަމެއް ނެތްކަމަށް ބުނެ، ފާޑުކިޔާއިރު، މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކަށް ހައްލެ ނުހޯދަނީ ކީއްވެތޯ ސުވާލު އުފައްދާ ރައްޔިތުންނެއްވެސް މަދެއް ނޫނެވެ.
އެ ހުރިހާ ފާޑުކިޔުމަކާއި، ސުވާލުތަކާއެކު އާންމުން ބުނެ އުޅޭ އެއް ވާހަކައެއް އޮވެ އެވެ. ފުލުހުން ކުރާ މަސައްކަތީ ދައުލަތަށް އާމްދަނީ ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ރައްޔިތުން މީހާ ޖުރިމަނާކޮށްގެން، ދައުލަތަށް ފައިސާ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އަނެއް ބަޔެއްގެ ނަޒަރުގައި ފުލުހުން ޖޫރިމަނާތައް ކުރަމުންދަނީ، ޖުރިމަނާ ކުރަންޖެހިގެންނެވެ. ވަކިން ހާއްސަކޮށް، ސަރުކާރަށް މަރުދޭ އެކްޓިސްޓުންގެ ވާހަކަތައް ހުންނަނީ މި ބުނެވުނު ގޮތަށެވެ. ޕާކިންގ ޒޯންތަކުގައި ޕާކް ކުރާނަމަ، ސްޓިކާ ނުޖަހާނެ ކަމަށާއި، ސްޓިކާ ޖަހަނީ ގަވައިދާ ހިލާފުވުމުންކަމަށް ބުނާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ސައިކަލްގެ ސްޓިކާތައް ހަމަކޮށްފައި ހުންނަނަމަ ޖޫރިމަނާ ނުކުރެވުނީސްކަމަށްވެސް ބުނެ އެވެ. ނަމަވެސް އެކަމުގައިވެސް އުފައްދަންޖެހޭ އެހެން ސުވާލެއްވެސް އޮބައޮތެވެ.
އެހެނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ދައުލަތަށް އަމްދަނީ ހޯދުމަށް ސައިކަލުގައި ސްޓިކާ ނުޖަހާނެކަމަށާއި، ސްޓިކާ ޖަހާނީ ޕާކްކުރާނެ ތަންތަން ދެއްކުމަށްފަހުގައިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ. ސިޓީ ކައުންސިލްގެ ހިސާބުތައް ދައްކާގޮތުން މާލެގެ އެކި ސަރަހައްދުތަކުގައި 11 ޕާކިންގ ޒޯނެއް ވަނީ ހަދާފަ އެވެ. ސުވާލަކީ 11 ޕާކިންގ ޒޯނަކީ، މާލެ ދިރިއުޅޭ އެތަށް ރައްޔިތުންނެއް ބޭނުންކުރާ ވެހިކަލްތައް ޕާކްކުރުމަށް އެންމެ އެކަށީގެންވާ ޖާގަތޯ އެވެ. ހަމައެކަނި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ސައިކަލްތަކުގެ ޖުމްލަ އަދަދު 70000 އަށްވުރެ މަތީގައި ހުރިއިރު، 11 ޕާކިން ޒޯންއިްނ އެކަންކަން ފުރިހަމަވޭތޯ އެވެ.
ސަރުކާރުން ބުނާގޮތުގައި މިހާރުވެސް އިތުރު ޕާކިންގ ޒޯންތައް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ޕާކިން ޒޯންތައް ހެދުމަށްފަހު، ސަރަހައްދުގެ މަގުތަކުގައި ޕާކްކުރުން މަނާކުރެވޭއިރު، ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ ޕާކިން ޒޯންތައް ހުންނަ ސަރަހައްދުތަކުގެ ރައްޔިތުން މަނާ ސަރަހައްދުތަކުގައި ޕާކްކުރުން އިންތިހާއަށް މަދުކަމެވެ. އެ ރައްޔިތުން ޕާކިންގ ޒޯންތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާކަމެވެ. ޕާކިންގ ޒޯންތަކާއެކު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމެވެ.
އެހެންކަމުން ޕާކިންގ ޒޯނެއް ހުރެއްޖެނަމަ، އެ ޕާކިން ޒޯން ބޭނުންކުރާކަންވެސް އެނގިގެންދެއެވެ. ނަަމަވެސް ޕާކިން ޒޯންތައް ނުހުންނަ ސަރަހައްދުތަކުގައި ޕާކްކުރުމުން މަނާކުުރުމުން އޭގެ ގެއްލުމާއި، ދައްޗާއި، އުނދަގުލާއި ކުރިމަތިލާންޖެހެނީ ނިކަމެތި ރައްޔިތު މީހާއަށްކަމެވެ. އެހެންކަމުން، ރައީސް ސޯލިހް ސަރުކާރުން މިހާރު އަމަލުކުރައްވަމުންގެންދަވަނީ ވެވަޑައިގެންނެވި ވައުދާއި އެއްގޮތަކަށްކަމަށް ބުނާނެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް އެކަމުގައި ސަރުކާރުން ބުނާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ފުލުހުން ސްޓިކާ ޖަހާނީ ހަމައެކަނި ޕާކިންގ ޒޯންތައް ހެދިފައިވާ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކުރާނަމަ ކަމެވެ. ނުވަތަ މަގުތަކުގެ ކަން މައްޗަކަށްވާގޮތަށް ޕާކްކޮށް ހަދާނަމަކަމަށެވެ.
ދެން އޮތީ އެކަމުގެ އަނެއް ކޮޅު އެވެ. މާލެ މަގުތައް ބަލާލިލަނަމަވެސް މިހާރުވެސް ފެންނާނެ އެއް ހަޤީޤަތަކީ ހިތު ހުރިތަނެއްގައި ޕާކްކުރުން އަދިވެސް ކުރިއަށްދާކަމެވެ. ފިހާރަކަށް ވަންނަނަމަ ޕާކްކުރަނީ ފިހާރައެއްގެ ދޮރުމަތީގަ އެވެ. ހޮސްޕިޓަލެއް، ކްލިނިކަކަށްވަނަސް ކަން ހިނގަނީ މި ބުނެވުނުގޮތަށެވެ. އެހެންކަމުން ޕާކިންގގެ މައްސަލައަކީ ދެ ފަރާތަށް ބެލިނަމަވެސް، މައްސަލަތައް އޮތް ޤައުމީ ބޮޑު މައްސަލައެެކެވެ. ހުރިހާ ދިމާލަކުން ހައްލު ހޯދަންޖެހިފައިވާ ބޮޑު މައްސަލައެކެވެ.
އެކަން ކޮމިޝަނަރ އޮފް ޕޮލިސް އާންމުކުރި ތަފާސް ހިސާބުތަކުން އެކަނިވެސް ސާފުވެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް ހާމަކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުން ގަވާއިދާ ހިލާފަށް ޕާކް ކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 36000 ވުރެ ވެހިކަލްގައި ސްޓިކާ ޖަހާފައިވެއެވެ. އަދި 2840 އުޅަނދެއް ޓޯކޮށްފައިވެއެވެ. ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ 7500 މައްސަލައެއް ބަލާފައިވެއެވެ. އެ ހިސާބުތައް އާންމުކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިގޮތުގައި ޓްރެފިކް ގަވައިދުތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ.
ފުލުހުން ވާދައަށްކުރާ ކަންކަމުގެ ސަބަބުން އެތަށް ހާސް ރައްޔިތުންނެއް ބޮޑު ދަރަނިވެރިކަމެއްގެ ތެރޭގައި ސަލާމަތް ނުވެވި ތިބިއިރު، ހިތުހުރި ތަނެއްގައި ޕާކްކުމުން އެކަމުގެ ދައްޗާ އެތަށް ރައްޔިތުނެއް ކުރިމަތިލާންޖެހެ އެވެ. ފެންނަ މަންޒަރުން ބުނެދޭ އެއްކަމަކީ، މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމުގައި އެއްވެސް ބަޔަކަށް ކާމިޔާބެއް ހޯދިފައިނުވާކަމެވެ.