ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 08:34
ޓީސީ އަދި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އަދި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދިރާގު ދިވެހި ޕްރިމިއާ ލީގު: ޓީސީއިން ގްރީން ބަލިކޮށްފި
މި މެޗު ޓީސީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ޓީސީ އިން ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޓީސީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތުލިބިވަނީ ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ޔާމިންއަށް ވަނީ ލަނޑު ޖަހަން ފުރުސަތުލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވައިލި ބޯޅަ ޓީސީގެ ކީޕަރު ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެމިނެޓުފަހުން ޔާމީންއަށް ވަނީ ހުސްފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވައިލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީ އިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު ޓީސީއިން ވަނީ މި ހާފުގައި ގްރީންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑޫ ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އީޝަ (މެސީ) އެވެ. މީއީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ޓީސީ އަށް ވަނީ ލަނޑު ޖަހަން ފުރުސްތެއްލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި

ސައްޓު ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. މެޗުގެ 90 މިނެޓުގައި ޓީސީ އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައްޓުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީސީ ކޯޗު ޝާޒްލީ ބުނީ މިއީ ޓީސީ އާއި އޭނާ ހަވާލުވި ފަހުން ލިބުނު އެންމެ ބޮޑު މޮޅު ކަމަށާއި ގްރީންގައި ތިބީ މެޗުގެ ކޮންމެ ވަގުތަކުވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ކުޅުންތެރިން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް