ކުލި ކޮންޓްރޯލްކޮށް ރެގިއުލޭޓް ކުރުމަކީ ސަރުކާރަށް ނުކުރެވޭނެކަމެއް ނޫންކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަންނަ ޖެނުއަރީ މަހުން ފެށިގެން ޢަމަލު ކުރުމަށް ތައްޔާރުވަމުންދާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ސަބަބުން ކުލި ބޮޑުކުރަން ބައެއް ފަރާތްތަކުން ކުއްޔަށްދީފައިވާ ފަރާތްތަކަށް އަންގައިފައިވާކަމަށް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަޑުފެތުރި އާންމުން ވަރަށް ބޮޑަށް ހިޔާލުފާޅުކުރަމުންދާ ދަނޑިވަޅެއްގައި، މެންބަރު ޢަލީ ޙުސައިން ޓްވިޓަރ މެދުވެރިކޮށް ވިދާޅުވެފައިވަނީ، ކުލި ކޮންޓްރޯލްކޮށް ރެގިޔުލޭޓުކޮށް ނުވަތަ ކުލި ދަށް ކުރެވޭނެކަމަށާއި އެކަމަށް ބޭނުންވަނީ ސިޔާސީ ހިއްވަރުކަމަށެވެ. މެމްބަރު އަލީ ހުސައިން އިތުރަށް ވިދާޅުވީ އެންމެ އިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހަދަންޖެހޭކަމަށާއި "އިންވިޒިބްލް ހޭންޑްސް އޮފް ޑިމާންޑް އެންޑް ސަޕްލައި" އަކީ އޮޅުވާލުމެއްކަމަށެވެ.
ގިނަ އާންމުންގެ ޝުއޫރުތަކަށް ޖަވާބުދެއްވަމުން މެމްބަރު އަލީ ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލްކުރުމަށް އެދި ރައްޔިތުން ހުށަހަޅާ ޕެޓިޝަން އުފަލާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ. އަދި މާލޭގެ ބިންތަކަކީ ބަންޑާރަ ބިންތައްކަމަށާއި އަމިއްލަ ބިންތައް އެހާ ގިނަ ނުވާނެކަން ފާހަގަކޮށް މެމްބަރ އަލީ ހުސައިން ވަނީ ބަންޑާރަ ބިމުގައި ހުންނަ އިމާރަތެއްގެ ކުލި ކޮންޓްރޯލްކޮށް ރެގިއުލޭޓް ނުކުރެވެންވީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ.
މެމްބަރު އަލީ ހުސައިން އިތުރަށް ވިދާޅުވީ، އަމުދުން ދައުލަތުގެ މިލްކުވެރިކަންއޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިފަދައިން ޓުވީޓްކޮށްފައިވާއިރު މާލެ ސިޓީ ގެދޮރުގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަން މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ޖަމިއްޔާއިން ވަނީ ނިންމައިފިއެވެ.
މިޖަމިއްޔާއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތަކާއި، އެމީހުންގެ ހައްގުތަކުގައި ވަކާލާތުކޮށް ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.