ލ. ކަލައިދުއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ރާއްޖެއެމްވީއާއި ހިއްސާ ކުރައްވަމުން، އެރަށުގެ ކައުންސިލްގެ ރައީސް ހުސެއިން ޚަލީލު ވިދާޅުވީ 2004 ވަނަ އަހަރުގެ އެރި ސުނާމީގަ ލިބުނު ގެއްލުންތަކުގެ ސަބަބުން، މުޅި ރަށް އަލުންހެން އާބާދުކުރަން ޖެހުނު ކަމަށެވެ. ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރި ނަމަވެސް ސުނާމީގައި ގެއްލުންވި ފަރާތްތަކަށް އެކަމުން އަދިވެސް އަރައި ނުގަނެވޭ ކަމަށް ޚަލީލު ވިދާޅުވިއެވެ.
ސުނާމީ ކާރިޘާގަ އެރި ބިޔަ ރާޅުތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ޢާންމުންގެ ގޯތިގެދޮރަށް ކަމަށާއި، ގެތަކުގެ ފާރުތައް ވެއްޓި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. މިހާރު ވެސް އެކަމުގެ ދަތިކަން ރައްޔިތުން އުފުލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުނާމީ ކާރިޘާގައި ލިބުނު ގެއްލުން ދެނެގަތުމަށްފަހު، އޭރުގެ ސަރުކާރުން ޢިމާރާތްކޮށްދިނީ 48ގެ ކަމަށާއި، ނަމަވެސް އެއަށްވުރެ އިތުރަށް ރައްޔިތުން ގެދޮރު ބޭނުންވާ ކަން ޚަލީލު ފާހަގަކުރެއްވިއެވެ.
އޭރުގެ ސަރުކާރުން ފައިސާގެ އެހީތެރިކަން ވެސް ދިން. އެއީ 70 ގެއަކަށް. ބައެއްގެ ތަކަށް 18،000 ރުފިޔާ. އެންމެ ބޮޑުކޮށް ދިން ގެއަށް ދިން ލަފާކުރެވޭ ގޮތުގައި އެއްލައްކަ ތިރީސްހާސް ރުފިޔާ. އެފައިސާއިން މަރާމާތުކުރި ކަމަށް ގަބޫލުކުރަނީ. އެކަމަކު މިހާރު ވެސް ބައެއްތަކުގެ މީހުން ޝަކުވާ ކުރާނެ ފާރުތަކުން ފެންވަނުމުގެ މައްސަލައާ ކުލަ ލީ ނަމަވެސް ނުހިފުމުގެ މައްސަލައާ މިކަހަލަ މައްސަލަތައް މިދިމާވަނީ. ލޮނުޖެހުމާއެކު ފާރުތައް ފީވެ ހަލާކުވެފަ ކަމަށް ގަބޫލުކުރެވެނީ.ހަލީލް- ކައުންސިލްގެ ރައީސް
ގެދޮރު ޢިމާރާތް ކުރުމަށް ދަތިވެފައިވާކަން ފާހަގަކުރައްވައި ޚަލީލު ވިދާޅުވީ އެރަށުގެ ބިމުގެ ޗަސްކަމުންނާއި، ވެލި ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އަލަށް ދޫކުރި ގޯތިތަކާއިވީ ޞަރަޙައްދުގެ މަގުތައް އަދިވެސް ނެހެދޭ ކަމަށެވެ.