އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަށް ނިންމައި އެކަމުގަ ހިމެނޭ ފަރާތްތަކަށް ދަޢުވާކުރަން ނިންމައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ''ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނުން ބަލަމުންދަނީ 2012 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ތެރޭގައި ހިނގާފައިވާ ޚިޔާނަތުގެ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތަކެެވެ. އޭގެ ތެރޭގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ.
އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގތ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވީ، ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަތަށް އެޓަރނީ ޖެނެރަލް އޮފީހާއި، ޕޮރްސެކިއުޓަރ ޖެނެރަލް (ޕީޖީ) އާ ގުޅިގެން ބަަލަމުން އަންނަ ކަަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކަށް ދަޢުވާކުރަން އަންނަ މަހު ފޮނުވާނެ ކަަމަށް އެކޮމިޝަނުން ބުނެއެވެ. ނަމަވެސް އެ ފަރާތްތަކުގެ މަޢުލޫމާތު އަސްއަދު ހާމައެއް ނުކުރައްވައެވެ.
ރިޔާސީ ކޮމިޝަންތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމުގެ ބާރުލިބިގެންވާ ކޮމިޝަން ތަކެކެވެ.
މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސް ގައި އަސްއަދު ވިދާޅުވެފައިވާ ގޮތުގައި، ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޖުމުލަ 220 މިލިއަން ޑޮލަރު (3.3ބިލިއަން ރުފިޔާ) ދައުލަތައް ލިބެންޖެހެއެވެ. އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތެރެއިން ރަށްތައް ދޫކޮށްފައި ހުރީ، އޭރަކު އައި މީހަކު ހިތައް އެރި ގޮތަކަށް ކަމަށާއި، ރަށްތައް ދޫކުރި ފަރާތްތަކުގެ ތެރޭގައި ހަމަހަމަ އުޞޫލެއް ގެންގުޅެފައި ނުވާކަމަށް އައްސަދު ވަނީ ވިދާޅުވެފައެވެ.