ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ޤައުމީ ދިފާޢީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެފައިވާއިރު އެލަރޓުގެ ދަރަޖަ ދަށް ނުކުރާކަމަށް އެމްއެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، 24 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 19:00 ން ފެށިގެން ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލަރޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލު ކޮށްފައިވާކަމަށެވެ. އެހެންކަމާއިއެކު ރާއްޖޭގެ އެކި ޞަރަޙައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ޙަރަކާތްތެރިވާނެކަމަށާއި މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް އާއި ގުޅޭގޮތުން ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮރމޭޝަން އޮފިސަރ މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ އެލަރޓް ކުރިޔަށް ގެންދިޔުމަށް ޕްލޭންކޮށްފައިވާ ގޮތަށް އެލަރޓުގެ ކަންކަން ކުރިޔަށްދާ ކަަމަށެވެ. އެލަރޓް ނިމުމަކަށް އަންނާނެ ދުވަހަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އާޒިމް ވިދާޅުވީ އެލަރޓް އަދި ހުއްޓުމެއްނެތި ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް އެލަރޓަށް ލިބެމުން އަންނަކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.
އެލަރޓް ލެވަލްއަށް ބަދަލު ގެނެސް، މުޅި ރާއްޖޭގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވާން ފަށާފައިވާއިރު ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ. މީގެއިތުރުން އެލަރޓް ލެވެލް މަތިކުރިއިރު އެއީ ވަކި ނުރައްކަލެއް އޮވެގެން ކުރި ކަމެއް ނޫންކަމަށާއި އެލަރޓް ލެވެލް މަތި ކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.