ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 17:50
ޔޫވީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫވީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއަރ ލީގު: ޔޫވީ ބަލިކޮށް އީގަލްސްއިން ދެވަނައަށް
މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ކްލަބް އީގަލްސްއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މިމެޗު އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ޔޫވީގެ ކުޅުންތެރިންނަށް އީގަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްގެ ކުޅުންތެރިންވަނީ ޔޫވީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އީގަލްސްގެ ފޯވަރޑް އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ތޮލާލެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޔޫވީން ވަނީ ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އަލީ ހައިޝަމް (ޗުމްޕު) އަށްވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވެއެވެ. މެޗުގެ 71 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އީގަލްސްއިން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އީގަލްސް ދެވަނައިގަ އޮތީ 13 މެޗުން ލިބުނު 24 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގަ އޮތް މާޒިޔާއަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް