ދިރާސީ އަހަރު ނިންމުމަށްފަހު އަހަރުގެ ފަހުކޮޅު އަންނަ ބޮޑު ޗުއްޓީއަށް ބަދަލު ގެނެސް އަހަރު ތެރޭގައި ދެ ފަހަރަށް ޗުއްޓީ ދޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީއަކީ ޢާއިލީ ގުޅުން ބަދަހީކޮށް ޢާއިލާއެކު ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކީ މުހިންމު ދުވަސްތަކެއް ކަމަށާއި، ނަމަވެސް މިހާރު ދިރާސީ އަހަރު ނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖެނުއަރީ ކަމަށެވެ.
އެޑިއުކޭޝަނުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާޢަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރުކަމަށް ވުމުން އެ ސިނާޢަތުގައި މަސައްކަތްކުރާ ބެލެނިވެރިންނަށް ޢާއިލާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ.
އެގޮތުން ކޮންމެ ކުއްޖަކުވެސް އަހަރީ ޗުއްޓީ ޢާއިލާގެ މެންބަރުންނާއެކު ހޭދަކޮށްލެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލުގެނައުމަށް ވަނީ ނިންމާފައެވެ. އަދި ދިރާސީ އަހަރު ނިންމާ މިހާރު ދޭ ބޮޑު ޗުއްޓީ 2 ބަޔަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ.
އެޑިއުކޭޝަނުން ވަނީ އަހަރީ ބޮޑު ޗުއްޓީ އަންނަ އަހަރުން ފެށިގެން 31 މެއި އިން 11 ޖޫން އަދި 6 ޑިސެމްބަރުން 7 ޖެނުއަރީއަށް ދިނުމަށް ހަމަޖައްސާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަހަރީ ޗުއްޓީއަށް ގެނެވުނު ބަދަލާއެކު އެހެން ސިނާޢަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.