ރ. މަޑުއްވަރިން، 13 އަހަރުގެ އަންހެން ކުއްޖެއް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަަށަށް ގެނެސްފިއެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި ރ. މަޑުއްވަރީގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާއީ ބާރާއި ގުޅިގެން ހިންގަމުންދިޔަ އޮޕަރޭޝަންގެ ތެރެއިން ފެންމަތިވި މި މައްސަލައާއި ގުޅިގެން އެ އަންހެން ކުއްޖާ ޖެންޑަރގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު (ހުކުރު ދުވަހު) އެވެ.
ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި، 18 އަހަރުން ދަށުގެ ކުއްޖަކު ވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެ މައުލޫމާތަކީ ވަރަށް ސެންސިޓިވް މައުލޫމާތެއް ކަމަށް ބުނެ ޖެންޑަރ މިނިސްޓްރީން އެއީ ކޮން ރަށެއްގެ ކިތައް އަހަރުގެ ކުއްޖެއްކަމެއް ހާމަކޮށްފައެއް ނުުވެއެވެ. ނަމަވެސް، ރާއްޖެއެމްވީއަށް ވަނީ ޖެންޑަރ މިިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވުނީ ރ. މަޑުއްވަރީ ކުއްޖެއްކަން ކަށަވަރުކުރެވިފަ އެވެ.
އިތުބާރުހުރި މަސްދަރަކުން ބުރާސްފަތި ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ ކުރީކޮޅު އެ ކުއްޖާއަކީ ގަވާއިދުން ސްކޫލަށްވެސް ފޮނުވާ ކުއްޖެކެވެ. ނަމަވެސް ވަކި ހިސާބުން ސްކޫލަށް ދިއުން ހުއްޓާލުމާއި ގުޅިގެން އެ ސްކޫލުގެ ފަރާތުން ސްކޫލަށް ނުދަނީ ކީއްވެތޯ ބެލުމަށް އެގެއަށް ދިޔަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި އެ ކުއްޖާ ސްކޫލަށްދާން ބޭނުންނުވާކަމަށް ސްކޫލުން ދިޔަ ފަރާތްތަކުގެ ގާތު ބުނެފައިވާކަމަށްވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަކީ ގެއިން ބޭރަށްވެސް ނިކުންނަ ކުއްޖެއްނޫނެވެ. ފެންނަނީ ގެކައިރި ސަރަހައްދުން މަދު ފަހަރެއްގައެވެ. ސްކޫލަށް ނުގޮސް މާގިނަ ދުވަހެއް ނުވަނީސް އެ ކުއްޖާ ފެނުނުއިރު ދެންހުރީ މޫނު ބުރުގާ އަޅުވާފައިކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ އުޅެނީ ކޯޓުން ބޭރުން އެ ރަށުގެ މީހަކާ ދެއަންބަށް ކައިވެނިކޮށްގެނެވެ. އަދި މި މައުލޫމާތާއެކު ކުއްޖާ ބަލިވެ އިންކަމުގެ މައުލޫމާތު ފެތުރިފައިވާކަމަށާއި ޖެންޑަރ މިނިސްޓްރީގެ ޓީމަކުން ބުދަ ދުވަހުގެ ވަގުތެއްގައި ކުއްޖާއާއި ސުވާލުކޮށް އެރަށު ސިއްހީ މަރުކަޒްގައި އެކަން ކަށަވަރުކުރުމަށް އިތުރު ޓެސްޓް ހަދާފައިވާކަމަށްވެސްވެއެވެ. ނަމަވެސް އެ ޓެސްޓުގެ މައުލޫމާތު މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
އާއިލާގައި 5 ކުދިން ތިބޭއިރު، މި އަންހެން ކުއްޖާއަކީ އެންމެ ދޮށީ ކުއްޖާއެވެ. ރަސްމީ ލިޔެކިޔުންތަކުން މި ކުއްޖާއަކީ ބައްޕަ ނެތް ކުއްޖެއްކަމަށް ދެއްކިނަމަވެސް، މި ކުއްޖާގެ ބައްޕައަކީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. 4 އަންހެން ކުއްޖަކާއި 1 ފިރިހެން ކުއްޖަކު އާއިލާގައި ހިމެނޭއިރު ދޮށީދަރި ފިޔަވައި ހުރިހާ ކުދިންވެސް ސްކޫލަށް ފޮނުވާކަމަށް މައުލޫމާތުލިބެއެވެ.
މީގެކުރިންވެސް އުމުރުން 13 އަހަރުގައި ބަލިވެ އިދެ، ވިހެއި މައްސަލައާއި ގުޅިގެން ފެންމަތިވި އިހުމާލުގެ މައްސަލަތަކާއި ގުޅިގެން އެ ކުދިންގެ މައިންބަފައިން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއަކުން އެ އާއިލާގައި ހިމެނޭ ކުދިންނަށް ލިނެންޖެހޭ އަސާސީ ހައްޤުތަކުން މަހުރޫމްކޮށް ގެންގުޅެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އާއި އެ ކުދިންނަށް ވެކްސިން ނުދީ، ސުކޫލަށް ނުފޮނުވާ މައްސަލައާއި ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި އެ ކުދިންނަށް އިހުމާލްވަމުންދިޔަ މައިންބަފައިން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިއީ ފުލުހުން ހަރުކަށި ފިކުރު ގަބޫލުކުރާ މީހުން ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން، ފެންމަތިވީ މައްސަލައެކަށް ވާއިރު މިއޮޕަރޭޝަން ގައި މިހާރު ވަނީ 3 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. މިއޮޕަރޭޝަންގައި ލިބިފައި ހުރި މައުލޫމާތުގެ އަލީގައި ކުޑަ ކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއީ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.