Advertisement
ކ. މާލެ
|
20 ޑިސެންބަރ 2019 | ހުކުރު 09:02
ނައިބު ރައީސް ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން
ނައިބު ރައީސް ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ނައިބު ރައީސް
ޢިއްޒުއްދީން ސްކޫލު ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތައް ނައިބު ރައީސް ބައްލަވާލައްވައިފި
ޢިއްޒުއްދީން ސްކޫލް ހުޅުވަނީ އަންނަ އަހަރު
އަންނަ އަހަރު އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށް
މި ސްކޫލަކީ 500 ދަރިވަރުންގެ ޖާގަ ދިނުމަށް އަމާޒުކޮށް ހުޅުވޭ ސްކޫލެއް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ޢިއްޒުއްދީން ސްކޫލަށް ޒިޔާރަތްކުރައްވައި އެ ސްކޫލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވިއެވެ.

ޢިއްޒުއްދީން ސްކޫލް ހުޅުވަނީ އަންނަ އަހަރުގައެވެ. އަދި އެ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި ޢިމާރާތުގައެވެ.

ޢިއްޒުއްދީން ސްކޫލްގައި ގްރޭޑް ދިހަ އަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވާ ނަމަވެސް އަންނަ އަހަރު އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. އެއީ ގްރޭޑް އެކަކުން ހަތަރަކަށް ކޮންމެ ގްރޭޑެއްގައި ތިން ކްލާސް އަދި ގްރޭޑް ފަހެއް އަދި ހައެއްގެ ކޮންމެ ގްރޭޑް އެއްގެ ދެ ކްލާހުގައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Advertisement

25 ކުދިންގެ ޖާގައިގެ ކްލާސްތަކާއެކު، 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު ޢިއްޒުއްދީން ސްކޫލަށް ދަރިވަރުން ވެއްދުމުގައި ޢަމަލުކުރާނީ މާލޭ އެހެން ސްކޫލްތަކަށްވެސް ކުދިން ވެއްދުމުގައި ވެސް ޢަމަލުކުރާ އުޞޫލަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި ގްރޭޑް ދެ އަކުން ފެށިގެން ގްރޭޑް ހަޔަކަށް ކުދިން ވައްދަން ބޭނުންވާނަމަ މިނިސްޓްރީއަށް ސިޓީ ހުށަހެޅުމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ދަރިވަރުން ވެއްދުމުގައި ސިޓީ ހުށަހަޅާ ތަރުތީބަށް އިސްކަން ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ސްކޫލަކީ 500 ދަރިވަރުންގެ ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވޭ ސްކޫލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް