މޯލްޑިވްސް ޕޮލިސް ސާރވިސް އިން ހިންގި ޑްރަގް ރެއިޑް އޮޕަރޭޝަނެއްގައި މާލޭގެ ފަސް ގެއެއް ބަލައި ފާސްކޮށް، 29 މީހުން ހައްޔަރު ކޮށްފިއެވެ.
ބުރާސްފަރި ދުވަހުގެ ރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ މި މީހުން ހައްޔަރު ކޮށްފައިވަނީ މާލޭގައި މަސްތުވާ ތަކެތިގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގޭގައި ހިންގާ މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެގެތަކުގައި މަސްތުވާ ތަކެތި ބޭނުންކުރުމުގެ (ކެފޭ އުސޫލުން) ޚިދުމަތް ލިބޭގޮތަށް ތައްޔާރުކުރެވިފައިވާ ގެތަކަށް އަމާޒުކުރެވިގެން ހިންގޭ ޚާއްސަ އޮޕެރޭޝަނެއްގައެވެ.
އެގޮތުން މިމަހުގެ ފަސް ވަނަ ދުވަހު މ. ފެޝަންމީޑް ބަލައި ފާސްކުރުމަށްފަހު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާއި އެކު 11 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ރޭ މ. ނަދީއިރުމަތީބައި ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާއި އެކު 4 މީހުން ވަނީ ހައްޔު ކުރެވިފައެވެ.
އަދި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ހ. ވެލިރަންގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާއި އެކު 10 މީހުން ވަނީ ހައްޔަރު ކުރެވިފައެވެ. މީގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ގ. މެމޮރީވިލާ ބަލައި ފާސްކޮށް މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާއި އެކު 04 މީހުން ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ މ.ލޮނުމިދިލިގެ ބަލައި ފާސްކުރަން ފަށާފައެވެ. ފުލުހުން ބުނީ މިކަމަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާއި އެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާކަމެއްކަމަށް ފުލުހުން މައުލޫމަތު ދެއެވެ.
މި އޮޕަރޭޝަންތަކަކީ ގެތަކުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުޤީގު ހިންގާ އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްޓަކައި ހިންގޭ އޮޕަރޭޝަން ތަކެއްކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.
ފުލުހުން ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިކޮށްދޭ މިފަދަ ތަންތަނުގެ ވެރިން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ގާނޫނުގައި އޮންނަ އަދަބުދޭނެ ކަަމުގެ އިންޒާރު ދީފައެވެ.