Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 18:06
ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން
ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު
އާއްމު ސިއްހީ ނިޒާމެއް ގާއިމު ކުރުމަށް ކައުންސިލްތަކަށް ރައީސް އިލްތިމާސްކުރައްވައިފި
ހިތަދޫގައި ޞިއްޙީ ހިދުމަތް ފަށާފައިވަނީ 1969 ޑިސެންބަރ 1 ވަނަ ދުވަހު
ސިއްހީ ގޮތުން އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ގިނަވުން: ރައީސް
ލ.ިހިތަދޫ ހެލްތް ސެންޓަރަކީ ހައްދުންމަތީގައި ހުޅުވުނު ފުރަަތަމަ ހެލްތް ސެންޓަރު

ބަލި ޖެހުމުގެ ކުރިން އެ ބަލިން ރައްކާވެ ތިބުމަށް އާއްމު ސިއްހަތުގެ ނިޒާމެއް ގާއިމު ކުރުމަށް ކައުންސިލްތަކަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ލ. ހިތަދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ އާންމު ސިއްހިތުގެ ނިޒާމު ރަނގަޅު ކުރަންޖެހޭ ކަމަށާއި ސިއްހީ ހިދުމަތްތައް ލިބިގަތުމާއި ދިނުމުގައި ވިސްނަންޖެހޭނީ "އެކުވި" ގޮތަކަށް ކަމަށެވެ.

Advertisement

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ދާދި ފަހުން ތަސްދީގު ކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ވަރަށް ބޮޑު ޒިންމާއެއް ކައުންސިލްތަކާއި ހަވާލުވެފައިވާކަމަށެވެ. އަދި އާއްމު ސިއްހަތުގެ ނިޒާމެއް ގާއިމު ކުރުމަށް ރައީސް ވަނީ ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އާއްމުވުން ކަމަށެވެ. އެގޮތުން ކެންސަރާއި ހިތުގެ ބަލި ފަދަ ބަލިތައް އާއްމުވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ ދިރިއުޅުމުގެ ވައްޓަފާޅި ނުރަނގަޅުވުމުން ކަމަށެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ސިއްހަތަށް ގެއްލުންވާ ފަދަ ކާބޯތަކެތި ބޭނުން ކުރުމުން މިފަދަ ބަލިތައް އާންމު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ލ. ހިތަދޫ ސިއްހީ މަރުކަޒު

މި ރަސްމިއްޔާތުގައި ދައުލަތުގެ 3 ވަޒީރެއް ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި އިކޮނޮމިކް މިިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

ސިއްޙީ މަރުކަޒުގެ ޚިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި މި ޖަލްސާގައި ހިތަދޫ ސިއްހީ މަރުކަޒުގައި ޚިދުމަތުގައި ތިއްބެވި ފަރާތްތަކާއި ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.

ހިތަދޫގައި ޞިއްޙީ ހިދުމަތް ފަށާފައިވަނީ 1969 ޑިސެންބަރ 1 ވަނަ ދުވަހު ހެލްތު ސެންޓަރެއްގެ ގޮތުގައެވެ. ހެލްތު މިނިސްޓްރީން ބުނީ މީގެ 50 އަހަރު ކުރިން، ހައްދުންމަތީގައި މުޅިން އަލަށް ސިއްޙީ ޚިދުމަތް ފެށިގެންދިޔައީ އެންމެ ހެލްތު އެސިސްޓެންޓަކާއެކު އެ ހެލްތް ސެންޓަރުގައިކަމަށެވެ.

ހެލްތު ސެންޓަރަށް ފުރަތަމަ ޑޮކްޓަރެއްގެ ޚިދުމަތް 9 ޖޫން 1997 ގައި ފެށުނުއިރު މިހާރު ހިތަދޫ ޞިއްޙީ މަރުކަޒަކީ، 29 މުވައްޒަފުންނާއެކު 24 ގަޑިއިރަށް ޚިދުމަތް ދެމުން ގެންދާ ލެވެލް 3 ގެ ޞިއްޙީ މަރުކަޒެކެވެ.

ރައީސް ސޯލިހު ލ.ހިތަދޫއަށް ވަޑައިގަތުން

ރައީސް ސޯލިހު ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ލ. ހިތަދޫއަށް ވަޑައިގެން، އެރަށުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތަށް 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރުފުވެރިކޮށްދެއްވާފައިވާއިރު މި ރަށުގެ ރައްޔިތުންގެ ފަރާތުން ރައީސް އަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ރަށު ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ރައީސް އާއި އެކު ފޮޓޯ ނަގާ ސަލާން ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް