ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ، ދީނުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އިސްލާމިކް މިނިސްޓްރީން ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިތުބާރުހިފޭ ދީނީ އިލްމުވެރިންގެ ކިބައިން ދީނުގެ ކަންކަން އޮޅުން ފިލުވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި، ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެވަޑައިގެން ދީނުގެ ސައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނަށްވެސް ގޮވާލާ ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި އެހެން މުސްލިމުން ކާފަރުން ކަމުގައި ކަނޑައަޅައި އެ ފަރާތްތަކުގެ މުދަލާއި ލޭ ހަލާލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ދީނީ ގޮތުން ބައިބައިވުން އުފެއްދުމާއި، އަނިޔާވެރި ލާއިންސާނީ އަމަލުތަކަށް ވާގިވެރިވެ ޓެރަރިޒަމް ފަދަ ޖިނާއީ ކުށްތަކަށް އަރައިގަތުމަށް މަގުފަހިވާގޮތަށް ދީނީ ދަރުސްތައް ނުދިނުމަށާއި، އެގޮތަށް ދީނީ ޝިއާރުތައް ނުފެތުރުމަށް ދީނީ އިލްމުވެރިންނަށްވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ބޭރު ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ތަކުގައި ބައިވެރިވުމަށް ހތްވަރު ލިބިގެންދާ ކަަމަށާއި، އޭގެ ސަބަބުން ދީނާއިމެދު އޮންނަ ތަސައްވަރު ކިލަނބުވެގެން ދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެއިތުރުން، މުޖުތަމައުގެ އާންމު މަސްލަޙަތަށްޓަކައި ހެދިފައި ހުންނަ ޤާނޫނުތައް ބަލައިނުގަތުމާއި، އާންމު އަސާސީ ވަސީލަތްތަކާއި ސިއްޙީ ޚިދުމަތުން ޅަދަރިން މަޙުރޫމުކޮށް، ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ހިންގައިގެން ނުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މުސްލިމުން ކާފަރުކޮށް މުދަލާއި ލޭ ހަލާލު ކުރުން ފަދަ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި އެއްވެސް ހާލަތެއްގައި ފަތުރައިގެންވާނެ ފިކުރުތަކެއް ނޫންކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އެހެން ބުނެފައިވާއިރު، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށާއި، ހަރުކަށި ފިކުރު ގަބޫލުނުކުރާ މީހުންގެ މުދަލާއި ނަފްސު އަދި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއް ކަމަށް ޤަބޫލުކުރުމުގެ އިތުރުން، ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އަދި އެމީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ހުއްދަކަމެއް ކަމަށް ޤަބޫލުކޮށް، އެ ފިކުރު ފަތުރާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.