Advertisement
ކ. މާލެ
|
19 ޑިސެންބަރ 2019 | ބުރާސްފަތި 11:53
ރާއްޖެއަށް މޫސުން ގޯސް
ރާއްޖެއަށް މޫސުން ގޯސް
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން
ރާއްޖެއަށް މޫސުން ގޯސް، މާލޭގައި ބައެއް ހާދިސާތައް ހިނގައިފި
މާލޭގެ މަގުތައް ވަނީ ފެންބޮޑުވެފައި
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނޭ
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް އެދިފައި

ރާއްޖެއަށް މޫސުން ގޯސްވެ، މާލޭ ސިޓީގައި ބައެއް ހާދިސާތައް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލެއަށް ވައިގަދަވެ، ވިއްސާރަވުމާއި ގުޅިގެން ބައެއް ޙާދިސާތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން އަބަދަށްފެހި މަގުގައި، ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ޖަހާފައި ހުރި ޑިޝް އެންޓަނާއެއް ވެއްޓިގެން ފަތިހު 04:43 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ބުރުޒުމަގުގައި ހެންވޭރު ކެފޭ ކައިރިން ގަހެއް މަގުމައްޗަށް ވެއްޓިގެން މިއަދު ހެނދުނު 06:10 ރިޕޯޓުކޮށްފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުން ނުވާ ކަމަށެވެ. މީގެ އިތުރުން ސޯލްޓް ކެފޭ ކައިރީގައި ހުރި އިޝްތިހާރު ބޯޑެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިފަދަ ހާދިސާތައް ދިމާވެދާނެ ކަމަށް ބަލާ، ހުރިހާ އެންމެންވެސް ރައްކާވެ ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ އިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ހުކުރު ދުވަހުގެ ހެނދުނު 10:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާނެ ކަމަށެވެ.

Advertisement

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށާއި އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއަގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް އެދިފައެވެ. ވަކިން ޚާއްޞަކޮށް އުތުރާއި މެދުތެރޭގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ގިނަ މަގެއްގައި ފެންބޮޑުވެ ބައެއް ގެތަކަށް ވަނީ ފެންވަދެފައެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސިފައިން ބައެއް މަގުތަކުން ފެން ހިންދުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެސްޓް ޕާކު ހިމެނޭ މަގުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް