ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ މަޝްރޫޢުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފު ކުރި 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ބ. ކިހާދޫ ކުޑަކުދިންގެ ޕާކުގަައި ކުދިން ކުޅޭ ސާމާނު ބަހައްޓައި އެ ޕާކް ބޭނުން ކުރަން ފަށައިފިއެވެ.
އެ ޕާކު ތަރައްޤީ ކޮށްފައިވަނީ ސެލްފް ސޯލަރ ލައިޓް ހަރުކޮށް ތިމާވެއްޓާ ރަށްޓެހި ޕާކެއްގެ ގޮތުގައެވެ. އެގޮތުން ޕާކު އަލިކުރުމަށް އިތުރު ކަރަންޓެއް ބޭނުމެއް ނުކުރާނެއެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރ ގައި ހޮވުނު 5 މަޝްރޫޢުގެ ތެރެއިން އެއް މަޝްރޫޢު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެއެވެ.
ބީއެމްއެލް އިން ބ. ކިހާދޫގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާކަކީ އެރަށަށް ނިޞްބަތްވާ ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ އާއި ކިހާދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި، ކުޑަކުދިންނާ ގުޅޭ އެކިއެކި ޙަރަކާތްތައް ހިންގުމަށާއި، މައިންބަފައިން ދަރިންނާއެކު ވަގުތު ހޭދަކޮށްލުމުގެ އަޒުމުގައި ޤާއިމު ކުރި ތަނެކެވެ. އެގޮތުން އެ ޕާކުގެ ވަށާ ފާރުގައި ހަރުކުރުމަށް ބޭނުންވާ ސެލްފް ސޯލަރ ލައިޓާއި، މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުޑަކުދިންގެ ކުޅޭ ސާމާނު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކާއި މާލީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅިގެން މަޑުޖެހިފައިވާ މިފަދަ ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ ރަށްރަށުގެ ތަރައްގީ އަށް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިފަދަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލެވުންބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް ޢަމާޒުކޮށްގެން ހުށަހަޅާ މަޝްރޫޢު ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޙަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގުރާމެކެވެ.