ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަލުން މުރާޖަޢާ ކުރުމަށް ސަރުކާރުގައި އެދޭނެ ކަަމަށް ރައްޔިތުންގެ މަޖލީހުގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމް ސަރުކާރުގައި އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެއާ ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. ރާއްޖޭގެ ފަރާތުން އެެފްޓީއޭ ގައި ސޮއިކުރެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކޮމަރސް ޒޮންގް ޝާން އެވެ.
އެގްރީމެންޓާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފްޓީއޭ އަށް މަޖިލީހުން ރުހުންދީފައިވާނަމަ އެކަން ކޮށްފައިވަނީ ރަބަރ ސްޓޭޕް ޖަހައިގެން ރައީސް ޔާމީނުގެ އޯޑަރަށް ރޭގަނޑު ކަމަށެވެ. އަދި އެއީ މަޖިލީހުގެ ތަޅުމުން އެއްވެސްއިރަކު ފާސްކުރި އެގްރީމެންޓެއް ނޫން ކަމަށް 18 ވަނަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި އާޒިމް ވިދާޅުވި އެވެ.
ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އެ އެއްބަސްވުން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އޭގައި ގޯސްތަކެއް ހުރުމުން އެ އެގްރީމެންޓް އިތުރަށް މުރާޖަޢާ ކުރުމަށް މަޖިލީހަށް ފޮނުވުމަށް ސަރުކާރުގައި އެދޭނެ ކަމަށް ވިދާޅުވި އެވެ.
އޭތި (އެފްޓީއޭ) މަޖިލީސް ތަޅުމަކުން ފާހެއް ނުކުރޭ ގަވާއިދުގައި އޮންނަ ގޮތަކަށް. ކުރިޔާ ކޮށްފައި އޮންނާނީ އަޅުގަނޑުމެންނަށް ނޭގި، ރޭނގަޑު. އޭގައި އެބަހުރި އާދަޔާ ހިލާފު ގޯސްކަންތައްތައް... އެއް ގޮތަކީ ސަރުކާރަށް ދެންނެވުން އަލުން އަދި އެއްފަހަރު ފޮނުވައިދޭށޭއަލީ އާޒީމް ~ މެދު ހެންވޭރު ދާއިރާގެ މެމްބަރު
އެފްޓީއޭގެ ވާހަކަތައް ދެކެވެން ފަށާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދި ފަހުން މަޖިލީހުގެ ވަފުދާއެކު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ނޫހަކުން ޗައިނާއާ ބެހޭ ގޮތުން ކުރި ސުވާލަކަށް ދެއްވި ޖަވާބަކާއި ގުޅިގެންނެވެ. އެ އެގްރީމެންޓް ވަނީ ''މަރުވެފައި'' ކަމަށާއި، އެ އަށް މަޖިލީހުގެ ރުހުން ނުދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.