Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 16:40
ލޯކަލް ކައުންސިލް އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން (ފައިލް ފޮޓޯ)
ލޯކަލް ކައުންސިލް އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން (ފައިލް ފޮޓޯ)
އިލެކްޝަންސް ކޮމިޝަން
ސިޓީ ކައުންސިލްގެ ދާއިރާތައް
މާލެ ސިޓީއަށް 18، އައްޑޫ ސިޓީއަށް 12، އަދި ފުވައްމުލަކު ސިޓީއަށް 6 ކައުންސިލަރުން!
ސިޓީ ކައުންސިލަރުންގެ އިތުރުން ކޮންމެ ސިޓީއަކަށް މޭޔަރަކު އިންތިހާބު ކުރެވޭނެ
ހުޅުމާލެއަށް ވޯޓުލާ މީހުންގެ ތެރޭގައި ދަފްތަރު މީހުން ނުހިމެނޭނެ
ދަފްތަރު މީހުން ވަނީ ވިލިމާލެއަށާއި މާލެއަށް، ދަފްތަރުގެ ތަރުތީބުން ބަހާލާފަ

މޭލެ ސިޓީ ކައުންސިލަރުންގެ ޢަދަދު 18 އިތުރު ކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވަނީ، ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކާގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގައި ކުރެވިފައިވާ ބައެއް މަޢުލޫމާތުތައް ހިއްސާ ކޮށްދެއްވާފަ އެވެ.

އެގޮތުން މާލެ ސިޓީގެ ހުޅުމާލެ ކައުންސިލަރެއް އިންތިޚާބު ކުރެވޭއިރު، ވިލިމާލެއަށް ކައުންސިލަރެއް އިންތިޚާބު ކުރުމަށާއި އަދި މާލެ 16 ބަޔަށް ބަހާލުމަށް ފަހު، 16 ކައުންސިލަރުންނާއެކު ޖުމުލަ 18 ކައުންސިލަރުން އިންތިޚާބު ކުރުމަށެވެ. އަދި އެ 18 ކައުންސިލަރުންގެ އިތުރުން ސިޓީ މޭޔަރު އިންތިޚާބު ކުރުމަށް ވެސް ކޮމިޝަނުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ފަރާތްތަކަށް މުޅި މާލެ ސިޓީގެ ހުރިހާ ދާއިރާއަކުން ވޯޓުލެވޭއިރު، މާލެ ސިޓީ މޭޔަރު ވެގެންދާނީ، ރިޔާސީ އިންތިޚާބު ނެގުމަށްފަހު، އެންމެ ގިނަ ވޯޓު ލިބޭ ފަރާތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ހުޅުމާލެ ކައުންސިލަރު އިންތިޚާބު ކުރުމަށް ވޯޓްލެވޭ ލިސްޓުގައި ދަފްތަރުގެ އެއްވެސް މީހަކު ނުހިމެނޭނެ ކަމަށާއި ނަމަވެސް ވިލިމާލެ އާބާދީ މަދުކަމުން ދަފްތަރުން ބައެއް މީހުން އެދައިރާއަށް ވޯޓުލެވޭ ލިސްޓުގައި ހިމަނާފައިވާނެ ކަމަށެވެ. ދަފްތަރުގެ ގިނަ ޢަދަދެއްގެ މީހުން ބަހާލާފައިވަނީ މާލޭގެ އެކި ދާއިރާތަކަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި ދަފްތަރު މީހުން ބަހާލާފައި ވާނީ، ދަފްތަރުގެ ތަރުތީބުން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Advertisement

އައްޑޫ ސިޓީއަށް 12 ކައުންސިލަރުން އިންތިޚާބު ކުރަން ނިންމާފައިވާއިރު، މުޅި އައްޑޫ ސިޓީން މޭޔަރަކު ވެސް އިންތިޚާބު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އެގޮތުން، ހިތަދޫ ފަސް ބަޔަކަށް ބަހާލުމަށްފަހު، ފަސް ކައުންސިލަރުން އިންތިޚާބު ކުރެވޭއިރު، މަރަދުއަށް ކައުންސިލަރެއް، މަރަދޫފޭދުއަށް ކައުންސިލަރެއް، ފޭދުއަށް ދެ ކައުންސިލަރުން، ހުޅޫދުއަށް ކައުންސިލަރެއް، މީދުއަށް ކައުންސިލަރެއް އަދި ހުޅުމީދުއަށް ކައުންސިލަރެއް އިންތިޚާބު ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ފުވައްމުލައް ސިޓީގައި 6 ކައުންސިލަރުން އިންތިޚާބު ކުރެވޭއިރު، މުޅި ފުވައްމުލަކުން ސިޓީ މޭޔަރެއް އިންތިޚާބު ކުރެވިގެންދާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޓީތަކުގެ ދާއިރާތަށް ބަހާނެގޮތް އަދި އެ ކޮމިޝަނުން ނިންމާފައި ނުވާކަމަށާއި އެކޮމިޝަނުން އެގޮތަށް ނިންމާނީ، ޤައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާއަށްފަހު، އަދި ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ ޝަކުވާތައް އަޑުއެހުމަށްފަހު ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު، މިހާރު ކަނޑައަޅާފައިވާ ދާއިރާތަކާ މެދު ޚިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަކްރަމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުގައި މޭޔަރާއެކު މިހާރު ތިއްބަވަނީ 13 ކައުންސިލަރުން ނެވެ. އައްޑޫ ސިޓީގައި މޭޔަރާއެކު މިހާރު ތިއްބަވަނީ 7 ކައުންސިލަރުން ނެވެ. އަދި ފުވައްމުލައް ސިޓީގައި މޭޔަރާއެކު މިހާރު ތިއްބަވަނީ ތިން ކައުންސިލަރުން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް