Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 12:55
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ޙޫދު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ޙޫދު
ރައީސް އޮފީސް
މާލީ ބަޔާން
ސިޔާސީ މަޤާމުތަކުގައި ތިއްބެވި އެންމެންގެ މާލީ ބަޔާން އަންނަ އަހަރު ކުރީކޮޅު އާންމުކުރާނެ
ސިޔާސީ ހުރިހާ މަޤާމުތަކެއްގައި ތިއްބެވި ފަރާތްތަކުގެ މާލީ ބަޔާން ހާމަ ކުރައްވާނެ
ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ބަޔާނުގެ ކަންކަން ގެންދަވާނެ
ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް މިއަހަރު ޖެނުއަރީގައިވެސް އާންމުކުރި

ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުގު މާލީ ބަޔާން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން އާންމުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

Advertisement

މާލީ ބަޔާން ހާމަ ކުރުމާއި ގުޅޭގޮތުން ޓްވިޓަރގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހޫދު ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުގެ ކުރިން ސިޔާސީ ހުރިހާ މަޤާމުތަކެއްގައި ތިއްބެވި ފަރާތްތަކުގެ މާލީ ބަޔާން ހާމަ ކުރައްވާނެ ކަމަށެވެ.

ހޫދު އެހެން ވިދާޅުވެފައިވާއިރު، ރައީސާއި ނައިބު ރައީސް އަދި ކެބިނެޓް މިނިސްޓަރުން ވަނީ މިއަހަރުގެ ކުރީކޮޅުގައިވެސް މާލީ ބަޔާންތައް އާންމުކުރައްވާފައެވެ. އެގޮތުން އެއީ ރާއްޖޭގެ ތާރީހުގައި ރައީސާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓުން މާލީ ބަޔާން އާއްމުކުރި ފުރަތަމަ ފަހަރު ވެސްމެއެވެ.

އޭގެ އިތުރުން، ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލީ ބަޔާނުގެ ކަންކަން ގެންދަވާނެ ކަމަށާއި، މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަންކަން ވަގުތުން ބައްލަވާނެ ކަމަށް ހޫދު ވިދާޅުވެފައިވެއެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފު ކުރުމަށް ހާއްސަ ފޯމެއްވެސް ރައީސް އޮފީހުން ވަނީ ތައާރަފްކޮށްފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މިނިސްޓަރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް މިއަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.

ސަރުކާރުގެ އިސްވެރިންނާއި އެމީހުންގެ އަނބިންނާއި ފިރިން ހިމެނޭގޮތަށް މާލީ ބަޔާން އާއްމުކުރުމަކީ ރައީސް ސާލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިސް ހިމެނޭކަމެކެވެ.

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު އަހަރަކު އެއްފަހަރު އެ ބޭފުޅުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށައެޅުމަށް ޤާނޫނު އަސާސީގެ 138 ވަނަ މާއްދާ އިން ވަނީ ލާޒިމުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުއަސަސީގެ 120 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. ނަމަވެސް ސިޔާސީ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނު ލާޒިމުކޮށްފައިވާ ކަމެއް ނޫނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް