Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 10:28
މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް އިރާނުގެ ބޯޓު - އެބޯޓު އަތުލައިގަތީ، އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް --
މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް އިރާނުގެ ބޯޓު - އެބޯޓު އަތުލައިގަތީ، އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް --
އެމްއެންޑީއެފް
ހާލުގައި ޖެހުނު އީރާނު ބޯޓު
އީރާނު ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައި، އޭގައި ތިބި މީހުން ޑީޕޯޓްކޮށްލަނީ
މިމައްސަލާގައި 7 މީހަކު ހައްޔަރުކޮށްފައިވޭ
އެއްވެސް ދިވެއްސެއް ނުހިމެނޭ، ދިވެއްސަކާ ގުޅުމެއް ވެސް ނެތް
އެމީހުން އަތުލައިގަތީ، ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހިފައި ވަނިކޮށް

އިންޖީން ހުއްޓިގެން އޮޔާދަނިކޮށް ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން ފެނުނު އީރާން ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައި، އެބޯޓުގައި ތިބި މީހުން ޑީޕޯޓް ކުރުމަށް ނިންމައިފި އެވެ.

އެ ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިދިއަ މަހުގެ ތިން ވަނަ ދުވަހު، އދ. މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން ނެވެ.

އެ މައްސަލައިގައި، ބޯޓުން ދަތުރުކުރި އީރާނުގެ ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ.

Advertisement

މިމައްސަލާގައި ދައުލަތުން ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ، އެމައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އެ މީހުން ރާއްޖެއިން އަތުލައިގަތީ އިންޖީނު ހަލާކުވެ ހާލުގައި ޖެހިފައި ވަނިކޮށް ކަމަށާއި އަދި އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޔަތް އޮތް ކަން އެނގެން ނެތް ކަމަށެވެ. ޝަމީމު ވިދާޅުވީ، އަތުލައިގަތް އެބޯޓުގައި އެއްވެސް ދިވެއްސެއް ނުހިމެނޭ ކަމަށާއި އަދި މި މައްސަލާގައި ދިވެހިންގެ އެއްވެސް ބަޔަކާއި އެމީހުން ގުޅިފައިވާކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަން ގާނޫނު ބުނާގޮތުންނާއި އަދި މިމައްސަލާގައި އެއްވެސް ދިވެއްސެއް ސާމިލުވާކަން ފުލުހުންގެ ތަހުގީގުން ފެންނަން ނެތުމުން، އަދި އެމީހުން އަތުލައިގަނެވެފައިވަނީ، އެ ބޯޓު ދަތުރުކުރަމުންދަނިކޮށް، އިންޖީނު ހުއްޓި، ހާލުގައި ޖެހުމުންކަމަށް ފެންނާތީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެމީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ ބަދަލުގައި ޑީޕޯޓު ކޮށްލުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފުލުހުން މީގެކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެއް ކަމަށެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް" އެއްގެ ގޮތުގައި ވެސް ކަމާބެހޭ ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. ނަމަވެސް މިފަދަ ބޯޓުތަކުން ރާއްޖެއަށްވެސް މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތަހުގީގުތަކާއި ޝަރީއަތްތައް ވެސް ހިންގާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް