Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 08:43
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެެރެއިން
ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ ތެެރެއިން
އެމްއެމްޕީއާރްސީ
ފަތުރުވެރިކަން
އެމްއެމްޕީއާރުސީގެ އަމާޒަކީ ފަތުރުވެރިންނަށް ގިނަ ތަޖުރިބާ ތަކެއް ހޯދައިދޭ މަންޒިލަކަށް ރާއްޖެ ހެދުން
ފަތުރުވެރިން ދަތުރުކުރާ މަންޒިލްތަކުން އާ ތަޖުރިބާ ތަކެއް ހޯދަން އެމީހުން ބޭނުންވާކަމަށް ތޮއްޔިބު ވިދާޅުވި
ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ޗުއްޓީއަކީ މައުނަވީ ގޮތުން އެމީހުންނަށް ހިތްހަމަޖެހުން ލިއްބައިދޭ ޗުއްޓީއަކަށް ވެއްޖެނަމަ ޒަމާނީ ފަތުރުވެރިޔާއަށް ފަސޭހައިން ވިކޭ މަންޒިލަކަށް ރާއްޖެ ވެގެންދާނެ
ރާއްޖޭގެ ރަށްރަށުގައި އެކްސްޕީރިއަންސްތައް ތަޢާރަފްވަމުންދާ ވަރަކަށް އެމްއެމްޕީއާރުސީން އެތަންތަން ފަތުރުވެރިންނަށް ދައްކައިދެވޭތޯ މަސައްކަތްތަކެއް ކުރަމުންދާނެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އަންނަ އަހަރުގެ އަމާޒަކީ ރާއްޖެއަކީ މިހާރަށްވުރެ ގިނަ ތަޖުރިބާ ތަކެއް ފަތުރުވެރިންނަށް ހޯދައިދޭ މަންޒިލަކަށް ހެދުން ކަމަށް އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި 'ބުރަބި' ޖަލްސާގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ މިއަދުގެ ދުނިޔޭގައި ފަތުރުވެރިންނަކީ ދުނިޔެއަށް ލޯހުޅިވެފައިވާ ބައެއް ކަމަށާއި އެމީހުން ދަތުރުކުރާއިރު އެ މަންޒިލެއްގެ ރައްކަތެރިކަމާއި އިޖުތިމާޢީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ. އަދި ފަތުރުވެރިން ދަތުރުކުރާ މަންޒިލްތަކުން އާ ތަޖުރިބާ ތަކެއް ހޯދަން އެމީހުން ބޭނުންވާކަމަށްވެސް ތޮއްޔިބު ވިދާޅުވި އެވެ. އެކަމަށް ބާރުދޭ ކަމަކީ ފަތުރުވެރިން އެންމެ ގިނައިން ބޭނުންކުރާ އެއް ވެބްސައިޓް ކަމަށްވާ ބުކިންގ ޑޮޓް ކޮމް އިން މިއަހަރު ނެރެފައިވާ ރިޕޯޓުކަން ތޮއްޔިބު ފާހަގަކުރެއްވި އެވެ. އެގޮތުން އެރިޕޯޓަށް ބަލާއިރު ދަތުރެއްގައި ލިބޭ މާއްދީ ފައިދާ ތަކަށް ވުރެ މައުނަވީ ތަޖުރިބާ ތަކެއް މުހިންމު ކަމަށް ތިންބައި ކުޅަ ދެބައި ފަތުރުވެރިން ބުނެފައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

Advertisement

އެހެންކަމުން ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު އެޗުއްޓީއަކީ މައުނަވީ ގޮތުން އެމީހުންނަށް ހިތްހަމަޖެހުން ލިއްބައިދޭ ޗުއްޓީއަކަށް ވެއްޖެނަމަ ރާއްޖެއަކީ ޒަމާނީ ފަތުރުވެރިޔާއަށް ފަސޭހައިން ވިކޭ މަންޒިލަކަށް ވެގެންދާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އުންމީދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތަކަށް ފައިހަމަކުރާ ބަޔަކު ކަމުގައި ރައްޔިތުން ވެގެންދާ ތަން ފެނުން ކަމަށްވެސް ތޮއްޔިބު ވިދާޅުވި އެވެ. އަދި ފަތުރުވެރިންނަށް ތަޖުރިބާ ކޮށްލެވޭނެ އެކްސްޕީރިއަންސްތަކެއް މިފެށޭ އަހަރު ރަށްރަށުން އުފަންވެގެން ދިޔުން އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ރަށްރަށުގައި އެކްސްޕީރިއަންސްތައް ތަޢާރަފްވަމުންދާ ވަރަކަށް އެމްއެމްޕީއާރުސީން އެތަންތަން ފަތުރުވެރިންނަށް ދައްކައިދެވޭތޯ މަސައްކަތްތަކެއް ކުރާނަން. އަންނަ އަހަރަށް މާކެޓިންގ ޕްލޭނިންގތައް މިަދަނީ ތައްޔާރުކުރަމުން. ގިނަ ޕްލޭންތަކެއް މިހާރުވަނީ އެކުލަވާލެވިފައި. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު ބަޔަކީވެސް އެކްސްޕީރިއަންޝިއަލް ޓޫރިޒަމް އާ ގުޅުންހުރި މަސައްކަތްތައް. އެގޮތުން ރާއްޖޭގެ ރަށްރަށުން ފަތުރުވެރިންނަށް ޚާއްސަ އެކްސްޕީރިއަންސްތަކެއް ތަޢާރަފްކުރުމުގެ މުބާރާތެއް އަޅުގަނޑުމެން ބާއްވަން ވަނީ ޕްލޭން ކުރެވިފައި. މީގެ ސަބަބުން ރާއްޖެއަކީ މިހާރަށްވުރެ ގިނަ ތަޖުރިބާ ތަކެއް ފަތުރުވެރިންނަށް ހޯދައިދޭ މަންޒިލަކަށް ވެގެންދާނެ. އަދި ހަމައެހެންމެ ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ބޭފުޅުންނަށް އެކްސްޕީރިއަންޝިއަލް ޓޫރިޒަމް ތަޢާރަފް ކުރުމަށް ހިތްވަރު ދިނުމަކީވެސް ބޭނުމެއް.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

މީގެއިތުރުން ތޮއްޔިބު ވިދާޅުވީ އަންނަ އަހަރަކީ ސްޕޯޓްސް، މައިސް އަދި ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މުހިންމު ކެމްޕޭން ތަކެއް ހިންގާނެ އަހަރެއް ކަމަށެވެ. އަދި މިހާރުވެސް ކުރިއަށް ގެންދާ ޑިޖިޓަލް މީޑިޔާ ކެމްޕެއިން ތައް އިތުރަށް ތަރައްޤީ ވެގެންދާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. މީގެއިތުރުން އެމްއެމްޕީއާރުސީގެ ކެމްޕޭންތަކުގައި ޓޫރިޒަމް ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް މެމްބަރޝިޕް ފީ މިހާރުވާނީ ޑައިރެކްޓަރސް ބޯޑުގެ ފަރާތުން 80 އިންސައްތައަށް ކުޑަކުރެވިފައި ކަންވެސް ތޮއްޔިބު ފާހަގަކުރެއްވި އެވެ.

މިދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކަށްވެސް އެމްއެމްޕީއާރުސީގެ ހިޔާގެ ދަށުން ވިޔަފާރިތައް އިޝްތިހާރުކުރަން ލުއި ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. ތޮއްޔިބު ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް އެމްއެމްޕީއާރުސީ އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މި އިންޑަސްޓްރީ ގުޅިގެން ކުރެވޭ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކުން ރާއްޖެއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތައް ހުރުމަކީ މިދާއިރާ އެންމެ ބާރަށް ކުރިއެރުވޭނެ ގޮތް. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީވެ ގިނަ ފްލައިޓްތަކެއް ރާއްޖެއަށް އޮޕަރޭޓް ކުރަން ފެށުމަކީ މުޅި އިންޑަސްޓްރީވެސް ކެމްމަދުވެފައި އޮތްކަމެއް. މިކަން އަވަސް ސްޕީޑެއްގައި ކުރިޔަށް ދިޔުމަކީ އެންމެން ކުރަމުންދާ އުންމީދެއް.
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

މީގެއިތުރުން ތޮއްޔިބު ވިދާޅުވީ މިއަހަރަކީ އެމްއެމްޕީއާރުސީން 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު ފަތުރުވެރިކަން މާކެޓް ކުރުމަށް ކުރި ހުރިހާ މަސައްކަތަށްވުރެ އިތުރަށް 80 އިންސައްތަ އިތުރަށް ހަރަކާތްތައް ހިންގާފައިވާ އަހަރެއް ކަމަށެވެ. އަދި މިއީ މުޅި އެމްއެމްޕީއާރުސީގެ ހަޔާތުގައިވެސް އެންމެ ގިނަ މާކެޓިންގ ހަރަކާތްތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގި އަހަރު ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. ކެމްޕެއިންތަކަކާއި އިންޑަސްޓްރީގެ މަސައްކަތްތަކާއެކު މިއަހަރު ނިންމާލަނީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރުގެ ގޮތުގައި ކަން ތޮއްޔިބު ފާހަގަކުރެއްވި އެވެ.

މިޖަލްސާގައިވަނީ "އެކްސްޕީރިއަންސް މޯލްޑިވްސް" ނަމުގައި ހަދާފައިވާ ޑޮކިޔުމެންޓްރީ އެއް ލޯންޗުކޮށްފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ވަނީ އަހަރީ މަޖައްލާ އެއްވެސް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް