Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 17:38
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ޒުވާނުންގެ ދުވަސް
18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްޤު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ
އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި
އަންނަ އަހަރުު ޒުވާނުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ނިންމަވާފައިވޭ

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.

22 އޮކްޓޫބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަހެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ޙައްޤެއްކަން ފާހަގަކުރެއްވިކަމަށެވެ. އަދި އެކަން މިހެން އޮތުމާއެކު، ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށާއި، އޭރު އެގޮތަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވެގެންދިޔައީ، ޚާއްޞަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ޤުރްބާނީއާއި، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގައިވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިކަމަށެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެއްވުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް