އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުން 2021 ގައި ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ، މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ އޯ.އައި.ސީ.ގެ 7 ވަނަ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައިކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައިފައިވާއިރު މިނިސްޓަރ ވަނީ އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގެ މަޤްސަދަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިޢާރުގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުންކަމަށާއި މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޯ.އައި.ސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގައެވެ.