Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 21:17
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
ޓްވިޓަރ
އިންފޮމޭޝަން ކޮމިޝަނަރ
މޮރޮކޯއިން ދިން ކާޕެޓް، ފޮރިން މިނިސްޓްރީގައި އެބައޮތް: އިންފޮރމޭޝަން ކޮމިޝަނަރ
މިނިސްޓަރު ޝާހިދު، ކާޕެޓް ގެއަށް ގެންދެވި ކަމަށްބުނާ ވާހަކަތައް ފޮރިން މިނިސްޓްރީން ވަނީ ދޮގު ކުރައްވާފައި
މޮރޮކޯއިން ގެނައި ގޮތައް މިނިސްޓްރީގައި ކާޕެޓް އެބައޮތް ކަމަށް މިނިސްޓްރީން ބުނޭ

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެގައުމުން ހަދިޔާ ކުރެއްވި އަގު ބޮޑު ކާޕެޓް، ފޮރިން މިނިސްޓްރީގައި އޮތްކަމުގެ ޔަޤީންކަން އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ ދެއްވައިފި އެވެ.

އެކާޕެޓް ފޮރިން މިނިސްޓްރީގައި އެބައޮތްކަން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ މިއުވާން މުޙައްމަދު ވެސް މީގެކުރިން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

Advertisement

ފިޔާޒު އެކަން ހާމަކުރެއްވީ ހޯމަ ދުވަހު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، އެކާޕެޓާ ގުޅޭ ވާހަކަތަކެއް މީޑިއާ ދެކެވިފައިވާތީ އެކަމުގެ ހަޤީޤަތެއް ބަލާލުމުގެ ގޮތުންނެވެ.

ފިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށް ތުހުމަތުކުރި، ކާޕެޓް ފޮރިން މިނިސްޓްރީގައި އޮތްތޯ ބަލާލިއިރު، އެ އޮފީހުގެ ގުދަނުގައި އެބައޮތް ކަމަށެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިދިޔަ ނޮވެންބަރު މަހު މޮރޮކޯއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު ޑރ. ސާދު ހަދިޔާ ކުރެއްވި އަގުބޮޑު ކާޕެޓެއް، އެމަނިކުފާނު ގެއަށް ގެންދެވި ކަމަށް ބުނެ ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތައް އެމިނިސްޓްރީން ވަނީ ދޮގު ކުރައްވާފަ އެވެ.

ކާޕެޓް ޝާހިދު ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަނަށް ހުށަހަޅާފައިވާކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ، މޮރޮކޯގެ ބޮޑު ވަޒީރު ހަދިޔާ ކުރެއްވި ކާޕެޓު ފޮރިން މިނިސްޓަރ ގެޔަށް ނުގެންދަވާކަމަށާއި، މޮރޮކޯއިން ގެނައި ގޮތައް މިނިސްޓްރީގައި ކާޕެޓް އެބައޮތްކަމަށެވެ.

މިއުވާން ވިދާޅުވެފައިވަނީ، ރަސްމީ ދަތުރުފުޅުތަކުގައި އެހެން ސަރުކާރުތަކުންނާއި، އިސް މަސްއޫލުވެރިން ހަދިޔާކުރާ ތަކެތި ވަކި އުޞޫލެއްގެ ދަށުން މިނިސްޓްރީން އިންވެންޓަރީ ބަލަހައްޓަމުންގެންދާކަމަށެވެ. އަދި އެއޮންނަ ޕްރޮޓޮކޯލުން ބޭރުން ނުވަތަ އުޞޫލާއި ޚިލާފަށް މިނިސްޓްރީން ޢަމަލު ނުކުރާނެކަމުގެ ޔަޤީންކަން މިއުވާން ވަނީ ދެއްވާފައެވެ.

މިއުވާން ވިދާޅުވެފައިވަނީ، މީޑިއާތަކުގައި ކާޕެޓާއި ގުޅުވައިގެން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، މިނިސްޓަރާއި މިނިސްޓްރީގެ އަގުވެއްޓޭ ފަދަ ގޮތަކަށް ވާހަަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ނޮވެންބަރު މަހުގެ 13 ވަނަ ދުވަހު ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ސާދު، ވަޒީރު ޝާހިދަށް ދެއްވި ކާޕެޓެއް ގެޔަށް ގެންދެވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ ޢާންމު ފަރާތަކުންނެވެ. އަދި ގެއަށް ގެންދެވި ކަމަށް ބުނާ ކާޕެޓުގެ މައްސަލަ މީޑިއާއަށް ފެންމަތިވުމުން ޝާހިދު ކާޕެޓު އަނބުރާ ދައުލަތައް ދެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވަނީ ކާޕެޓް ގެއަށް ގެންދެވިކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް