Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 19:13
ސީރިޔާ އަށް ހަނގުރާމަ އަށް ދިޔަ ދިވެހިންތަކެއް
ސީރިޔާ އަށް ހަނގުރާމަ އަށް ދިޔަ ދިވެހިންތަކެއް
ފޭސްބުކް
ފުލުހުން
ޖެހިލުމެއް ނެތި މީހުން މަރަން ކެރޭ ހަރުކަށި ފިކުރުގެ 1400 އެއް ހާ ދިވެހިން ރާއްޖޭގައި
ތަފާސް ހިސާބުތައް ދައްކާގޮތުން 173 މީހުން ސީރިޔާއަށް ދިޔަ
މިހާރު ބާކީ ސީރިޔާގައި ތިބީ 59 ދިވެހިން
ކައުންސިލްތަކާއި ފުލުހުންނާއި އެކުގައި މަސައްކަތްކުރާނެ އިންތިޒާމުތައް ތަރުތީބުކުރުމުގެ މަސައްކަތް ޤާނޫނުގެ ތެރެއިން ކުރާނެ ކަމަށް ސީޕީ ވިދާޅުވި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ އަދަދެއްގެ ދިވެހިން އުޅޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދެއްވަމުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދަޢުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހައްދުފަހަނާޅައިދިއުމުގެ ޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ކައުންސިލުތަކުގެ އެއްބާރުލުމަށް ސީޕީ ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަށް ސީޕީ އެދިވަޑައިގެން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ކަންކަން ކުރިޔަށް ގޮސްފައި އޮތް ހިސާބު ތަފާސް ހިސާބުތަކުން ހިއްސާކޮށްދެއްވާފަ އެވެ.

Advertisement

އެގޮތުން ސީޕީ ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާގޮތުން 173 މީހުން ސީރިޔާއަށް ދިޔަކަމަށެވެ. އަދި އެއީ ސީރިޔާ އަދި އިރާޤުގައި ހިނގާދިޔަ ދާޚިލީ ހަނގުރާމައަށް ވަންނަން ދިވެހިންގެ ތެރެއިން ޝައުގުވެރިކަން ހުރި އަދި އެކިގޮތްގޮތުން މަސައްކަތް ކުރި 423 މީހުން ގެ ތެރެއިން ސީރިޔާއަށް ދިޔަ މީހުންގެ ޢަދަދު ކަމަށް ސީޕީ ވިދާޅުވި އެވެ. މީގެތެރެއިން މިހާރު ބާކީ ސީރިޔާގައި ތިބީ 59 ދިވެހިން ކަމަށާއި އޭގެ ތެރެއިން 91 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ސީޕީ ވިދާޅުވި އެވެ. މީގެތެރެއިން ރާއްޖެ އާދެވޭފަދަ ޙާލަތުގައި ތިބީ 4 ފިރިހެނުން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ސީރިޔާގެ ހަނގުރާމައިގެ ކުރިންވެސް އަފްޣާނިސްތާއި ޕާކިސްތާނު ގެ ހަމަނުޖެހުމުގެ ތެރޭގައިވެސް ދިވެހިންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

އޭގެތެރެއިން އެއް ބަޔަކު ރާއްޖެ އައިސް މިހާރު ވެސް މިހަރުކަށި ފިކުރު ފެތުރުމަށް މުޖުތަމަޢުތަކުގެ ތެރޭގައި އެބަ ދެމިތިބި. މިއަދު މިގެންދަނީ މިކަމާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅަމުން. ޤާނޫނީ ގޮތުން މުއައްސަސާތަކަށް ލިބެންޖެހޭ ޤާނޫނީ ބާރު ހޯދައި އޭގެ ދަށުން މަސައްކަތްތަކެއް ކުރަމުންދަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައިވެސް ކުރިޔަށް ގެންދާނީ މިމަސައްކަތް.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

މީގެއިތުރުން ސީޕީ ވިދާޅުވީ ސީރިޔާ އަދި އިރާޤުގައި އައިސިސް ބަލިކަށިވެގެންދިޔުމާއި ގުޅިގެން ދުނިޔޭގެ އެކި ދިމަދިމާލުގައި އިސްލާމިކް ސްޓޭޓަށް ވާގިވެރިވާ ނުވަތަ އިސްލާމިކް ސްޓޭޓްގެ ގޮފިތައް އުފެއްދުމުގެ މަސައްކަތްވެސް ފުޅާކުރެވިގެންދާ ކަމަށެވެ. އަދި މިކަމުގައި ދިވެހިންގެ ޝައުޤުވެރިކަން ހުރި ކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޚާއްސަކޮށް އިސްލާމިކް ސްޓޭޓް ހުރާސަން ޕްރޮވިންސްގައި ގާއިމްވެގެން ދިޔުމަށް މަސައްކަތް ކުރޭ. އެ ޕްރޮވިންސްގައި ގާއިމުވުމަށްޓަކައި ދިޔަ ދިވެއްސަކު ދާދިފަހުން އޭނާ 21 އަހަރުގެ ހުކުމެއް ކުރެވިފައިވަނީ އަފްޣާނިސްތާން ޤާނޫނު ދަންނަ ގޮތުން ކުށެއް ކަމަށް ކަނޑައެޅިގެން އަދި އޭނާގެ އަންހެނުންނަށް 20 އަހަރުގެ ހުކުމެއް ކުރެވި ޖަލުގައި ހައްޔަރުކުރެވިފައިވޭ
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ވިއަވަތި މަހާސިންތާގައި ސީޕީ ވާހަކަ ދައްކަވަނީ

ސީޕީ ވިދާޅުވީ އެފަރާތްތަކާއެކު ގެންދާ ތުއްތު ކުދިންނަށް ލިބެމުން އަންނަ ގެއްލުން އެއީ ފާހަގަކުރެވޭ ކަމެއް ކަމަށެވެ. ކޮންމެ ދުވަހަކު ސީރިޔާގައި ތާށިވެފައި ތިބި ދިވެހި އެތައް ރައްޔިތުންގެ އާއިލާތަކުން މެސެޖުތައް ފޮނުވަމުންދާ ކަމަށާއި މަސައްކަތް ކުރަމުންދަނީ އެކަމަށް ޙައްލެއް ގެނައުމަށް ކަމަށް ސީޕީ ވިދާޅުވި އެވެ.

މީގެއިތުރުން ސީޕީ ވަނީ ފުލުހުންވެސް ތިބޭ ރަށްރަށުގައި މިފިކުރު ފެތުރި ބޮޑުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ. އަދި މި ނުރައްކަލުގެ ތެރެއަށް މުޅި ރައްޔިތުން ހުށަހެޅި ނުރައްކާތެރި ޙަރަކާތްތައް ނުވަތަ ޢަމަލުތައް ފެނިގެންދާ ދިޔުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

އެހެންކަމުން އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ކުރިޔަށް އޮތް 2020 ވަނަ އަހަރު ޕޮލިސް ސަރވިސްގެ އާ ލަނޑުދަނޑިތައް ވަކިން ޚާއްސަކޮށް ލޯކަލް ޕޮލިސް ގެ ލަނޑުދަނޑިއާ ގުޅުވައިގެން މިފަދަ މުޖުތަމައަށް ހުރި ނުރައްކާތަކާއި ކުށްކުރުމުގެ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ކައުންސިލްތަކާއި ފުލުހުންނާއި އެކުގައި މަސައްކަތްކުރާނެ އިންތިޒާމުތައް ތަރުތީބުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި އަލަށް ތަޢާރަފް ކުރެވޭ ފުލުހުންގެ ބިލްގެ ތެރޭގައި ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން އެކަން ގާއިމުވެގެންދާނެ. އިލްތިމާސްއަކީ ޕޮލިސް ސަރވިސް އިން އެކަނި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން އެކަނި ކުރެވޭނެ މަސައްކަތްތެއް ނޫން މިއީކީ. އެންމެ އާދައިގެ ކުށްކުރުމުން ފެށިގެންގޮސް ހަރުކަށި ފިކުރުގެ ތެރެއަށް ވަދެ އެއް ބަޔަކު އަނެއް ބަޔެއްގެ ފުރާނަ ނަގާލާ ހިސާބަށް އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި ކަންކަން ބޮޑުވަމުން ބަދަލުވަމުން އަންނައިރުގައި ކޮންމެ ފަރާތެއްގެ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ހާލަތެއްގައި މިއަދު މިއޮތީ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ސީޕީ ވިދާޅުވީ ޓެރަރިޒަމާއި، ވައިލެންޓް އެކްސްޓްރީމިޒަމް އާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ. އެކަމަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް