Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 17:57
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވަނީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވަނީ
އިންޑިޕެންޑެންސްޑޭއިމޭޖްސް.ކޮމް
ޑީޖޭއޭ
އިންފޮރމޭޝަން ކޮމިޝަނަރުގެ ވާހަކަތައް ޑީޖޭއޭއިން ދޮގުކޮށްފި
ޑީޖޭއޭއިން ވާނީ ހުރިހާ ރިޕޯޓެއް ހުށަހަޅާފައި
ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފައިވޭ

ޝަރުޢީ ދާއިރާގެ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދޮގުކޮށްފިއެވެ.

ޑީޖޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބަރާބަރަށް އަހަރީ ރިޕޯޓް ހުށަހަޅަމުން ގެންދާ ކަމަށާއި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭގޮތަށް އެއްވެސް ފަރާތަކުން މިފަދަ މަޢުލޫމާތު ޢާންމުކޮށް ޙިއްޞާ ނުކުރުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންގެ އިސްނެންގެވުމުގެމަތީން އިންފޮމޭޝަން ކޮމިޝަނަރަށް ފޮނުވުމަށް އިސްވެ ދެންނެވުނު ޤާނޫނުން ލާޒިމުކުރާ ރިޕޯޓް ތައްޔާރުކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓް ހުށައަޅާ ފޯމު" ގެ ނަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޯމެއް ތަޢާރަފުކުރައްވައި، އެ ފޯމު ފުރި ހަމަކުރުމަށް ފަހު "ޖެމްސް" މެދުވެރިކޮށް ނުވަތަ "އީ-މެއިލް" މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވުމުން އަހަރީ ރިޕޯޓު ފޮނުވުނީ ކަމުގައި ބަލާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަރކިއުލަރއަކުން ޢާންމުކޮށްފައިވާ ކަމަށެވެ.

Advertisement

އަދި ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ އިދާރީ ކަންކަމާއި ތަފާސްހިސާބުގެ މަޢުލޫމާތު ބަލަހައްޓަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބެލުމުގެދަށުން ކަމުގައިވާތީ، ޝަރުޢީ ދާއިރާއިން ކަނޑައަޅާނީ އެއް އިންފޮމޭޝަން އޮފިސަރު އަދި އެއް މުރާޖަޢާ ކޮމިޓީ ކަމަށާއި، އިންފޮމޭޝަން އޮފިސަރާއި މުރާޖަޢާ ކޮމިޓީގައި ތިބޭނެ މުވައްޒަފުން ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މުވައްޒަފުންގެ ތެރެއިން ކަމުގައި ދެންނެވުމަށް 26 އޮކްޓޯބަރ 2014 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފައިވާކަން 6 ނޮވެމްބަރު 2014 ގައި އެންގެވުމާއެކު، ޝަރުޢީ ދާއިރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި މުވައްޒަފަކު ހަމަޖައްސައި އަދި އެ ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ މުރާޖަޢާ ކޮމިޓީ އެކުލަވާލާފައިވާ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސަރކިއުލަރގައި ބަޔާންކުރައްވައިފައި ވާގޮތަށް، ޝަރުޢީ ދާއިރާއިން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓް އީ-މެއިލް މެދުވެރިކޮށް ނުވަތަ ޖެމްސް މެދުވެރިކޮށް އެ ޑިޕާޓްމަންޓުން ހުށަހަޅަމުންދާ ކަމަށް ބުނެފައިވެއެވެ.

މިގޮތުން 2016 ވަނަ އަހަރުގެ "އިންފޮމޭޝަން ކޮމިޝަނަރަށް އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު 31 ޖެނުއަރީ 2017 ގައި ޖެމްސް މެދުވެރިކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފައިވާއިރު، 2017 ވަނަ އަހަރުގެ ފޯމު 17 ޖަނަވަރީ 2018 ގައި ހުށަހަޅައި، އަދި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާ ފޯމު 09 ޖަނަވަރީ 2019 ގައި ވަނީ ހުށަހެޅިފާކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް