Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 17:50
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން
އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިހާބު 2020
ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ މިމަހުގެ 15 ގެ ނިޔަލަށް އޮތް އާބާދީއަށް: އިލެކްޝަންސް
މިމަހުގެ ފަހު ހަފްތާގައި އިންތިހާބީ ދާއިރާތައް އިއުލާން ކުރެވޭނެ
ކައުންސިލް އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް ގިނަ ވޯޓު ކަރުދާސްކޮޅުތަކެއް ހަވާލު ކުރެވޭނެ
ކައުންސިލް އިންތިހާބާއެކު އަންހެނުންގެ ކޮމެޓީގެ އިންތިހާބު ވެސް ކުރިއަށް ދާނެ

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދު ކަނޑައެޅުމުގައި ބަލާނީ މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރަޖިސްޓަރީ ވެފައިވާ އާބާދީއަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި، ކައުންސިލްތަކަށް އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންގެ ޢަދަދު ކަނޑައެޅުމުގައި ބަލާނީ މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސިޓީ އަދި ރަށްތަކުގައި ރަޖިސްޓަރީ ވެފައިވާ އާބާދީއަށް ކަމުގައި އެކޮމިޝަނުން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ދާއިރާތައް މި ޑިސެމްބަރު މަހުގެ ފަހު ހަފުތާގެ ތެރޭގައި އިޢުލާން ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ބުނެފައި ވެއެވެ.

މިދިޔަ އަންގާރަ ދުވަހު، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންތިޚާބީ ދާއިރާތައް އިޢުލާން ކުރުމަށް ކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުން ވީހާވެސް އަވަހަކަށް އެޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ބުނެފައިވާ ކަމަށް އެކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވަނީ، މާލެ ސިޓީއާއި އައްޑޫ ސިޓީ ފަދަ ބޮޑެތި އާބާދީތަކުގައި އިންތިޚާބީ ދާއިރާތައް އިތުރުވެ، ކައުންސިލަރުން އިތުރުވާނެ ކަމަށް މީގެ ކުރިން މަޢުލޫމާތު ދެއްވާފަ އެވެ. އެގޮތުން މާލެ ސިޓީއަށް ދެ ކައުންސިލަރުން އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝަރީފު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބީ ދާއިރާތައް، ކަނޑައެޅި، މިމަހުގެ ފަހު ހަފުތާގައި އިޢުލާން ކުރެވުމާއެކު، ސިޔާސީ ޕާޓީތަކަށް ޕްރައިމަރީ ބޭއްވުމަށް މަދުވެގެން ދެ މަސްދުވަސް ލިބޭނެ ކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލުތަކުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އަދި އިޢުލާން ނުކުރިޔަސް ބައެއް ފަރާތްތަކުން ގެންދަނީ ކައުންސިލަށް ވާދަކުރުވުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރުވެސް ވަނީ ކެމްޕެއިން ފަށާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް