Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 08:50
ވެމްކޯގެ މުވައްޒަފަކު ގެއަކުން ކުނި ގެންދަނީ
ވެމްކޯގެ މުވައްޒަފަކު ގެއަކުން ކުނި ގެންދަނީ
މުހައްމަދު ޝަރުހާން
ވެމްކޯ
ކުނި އުކާލުމަށް ގޭބިސީތަކުން ރަޖިސްޓްރީ ނުކުރުން، ވެމްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން
ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭގައި 25،000 ށް ވުރެ ގިނަ ގޭބިސީ އެބަހުރި
ވެމްކޯގައި ކުނިއުކާލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ ފާއިތުވި ހަފްތާއާ ހަމައަށް ތަފާސް ހިސާބުތައް ދައްކާގޮތުން 18684 ގޭބިސީ
ރަޖިސްޓްރީ ކޮށްފައި ތިބޭ ކަސްޓަމަރުން އެހެން ގެއަކަށް ބަދަލުވުމަށްފަހު ރަޖިސްޓްރީ ބާތިލް ނުކުރުމުގެ މައްސަލަވެސް ދިމާވަމުންދޭ

ވެމްކޯއިން ގޭބިސީތަކުން ކުނިއުކާލަން ފެށިފަހުން މިހާތަނަށް އާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި އުކާލުމަށް ގޭބިސީތަކުން ރަޖިސްޓްރީ ނުކުރުން ކަމަށް އެކުންފުނީގެ މެނޭޖަރ އިން ހައުސް ހޯލްޑް މުހައްމަދު ޝާން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ގެނެސްދޭ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާގޮތުން މާލޭގައި 25،000 ށް ވުރެ ގިނަ ގޭބިސީ އެބަހުރި ކަމަށެވެ. ނަމަވެސް ވެމްކޯގައި ކުނިއުކާލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ ފާއިތުވި ހަފްތާއާ ހަމައަށް ތަފާސް ހިސާބުތައް ދައްކާގޮތުން 18684 ގޭބިސީކަމަށް ޝާން ވިދާޅުވި އެވެ. ޝާން ވިދާޅުވީ ބައެއް ކަސްޓަމަރުން ވެމްކޯގައި ރަޖިސްޓްރީ ވާން ބޭނުންނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Advertisement

މީގެއިތުރުން ކުނިއުކާލުމަށް ވެމްކޯގައި ރަޖިސްޓްރީ ނުވަނީ އެކަމުގެ މައުލޫމާތު މީހުންނަށް ނޭނގިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ޝާން ވިދާޅުވި އެވެ. އެކިއެކި ޕްލެޓްފޯމްތަކުގައި ރަޖިސްޓްރީ ވާންޖެހޭ ގޮތުގެ މައުލޫމާތު އާންމުންނަށް ދީފައިވާނެ ކަމަށް ޝާން ވިދާޅުވި އެވެ.

ލުއިފޮތް ތައްޔާރުކޮށްގެން ޕްރިންޓްކޮށްގެން ގޭބިސީތަކަށްވެސް ބެހިއްޖެ. އަދިއޭގެ އިތުރުން އަޅުގަނޑުމެންގެ ޑިޔުޓީ އޮފިސަރުން މެދުވެރިކޮށް ސުޕަރވައިޒަރުން މެދުވެރިކޮށް ގޭގޭގެ އެކިއެކި ބޭފުޅުންނަށް މިކަމާ ގުޅޭ މައުލޫމާތުތައް ފޯރު ކޮށްދެވިފައިވާނީ. ހިތާމައަކީ އަދިވެސް ބައެއް ކަސްޓަމަރުންނަށް މި ވާނުވާ އަދިވެސް ރޯފިލާފައިނުވުން. ވަރަށް ގިނަ މިކަހަލަ ޕްލެޓްފޯމްތަކުގައި އަޅުގަނޑަށް ހުންނާނެ މިކަން ކުރިޔަށް ގެންދަންވާނެ ގޮތުގެ ވާހަކަތައް ދެއްކިފައި. އެންމެ އުނދަގޫކަމަކަށް އޮންނާނީ ރަޖިސްޓްރީ ކުރާނެ ޕްރޮސެސް ނޭންގުން. އެންމެ ފަސޭހަގޮތަކަށް އަޅުގަނޑުމެންގެ ވެބްސައިޓެއް އިންނާނެ. ވެބްސައިޓް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ. އޭގެ އިތުރުން ހެޑް އޮފީހަށް ނުވަތަ ޓްރާންސްފަރ ސްޓޭޝަނަށް ވަޑައިގަތީމާވެސް އެތަނުން ރަޖިސްޓްރޭޝަން ފޯމެއް ބައްލަވައިގަނެގެން ފުރުއްވާފައި އެތަނަށް ލެއްވީމާ އެކަން ހަމަ ކުރިޔަށް ގެންދެވޭނެ. އެހެންވީމާ އަޅުގަނޑު ނުދަންނަވާނަން މައުލޫމާތު އެއްގޮތަކަށްވެސް ނޭންގިގެންނޭ އެބޭފުޅުން އެއުޅުއްވަނީ ކީ.
މުހައްމަދު ޝާން / މެނޭޖަރ

ޝާން ވިދާޅުވީ ވެމްކޯއަކީ ތަންފީޒީ އިދާރާއަކަށް ނުވާތީ ރަޖިސްޓްރީ ނުކުރިއަސް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. ވެމްކޯގެ ގަވަރނިންގ އޮތޯރިޓީ އަކީ ސިޓީ ކައުންސިލް ނުވަތަ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) ކަމަށާއި މިކަމަށް ހައްލެއް ގެނައުމަށް އެފަރާތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝާން ވިދާޅުވި އެވެ.

އެގޮތުން 2017 ވަނަ އަހަރު މިޚިދުމަތް ވެމްކޯއިން ދޭންފެށިއިރު ރަޖިސްޓްރީ ކޮށްފައިވަނީ ދިހަވަރަކަށް ހާސް ގޭބިސީ ކަަމަށާއި މިހާރު އެއަދަދު އަށާރަހާހަށްވުރެ މައްޗަށް އަރާފައިވާކަން ޝާން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ޝާން ވިދާޅުވީ ރަޖިސްޓްރީ ކޮށްފައި ތިބޭ ކަސްޓަމަރުން އެހެން ގެއަކަށް ބަދަލުވުމަށްފަހު ރަޖިސްޓްރީ ބާތިލްކުރަން މަސައްކަތް ނުކުރުމުގެ މައްސަލަވެސް ދިމާވަމުންދާ ކަމަށެވެ.

އެހެން ގެއަކަށް ބަދަލުވާއިރު ކުރީގައި އުޅުނު ގެއަށް ރަޖިސްޓްރީ ބާތިލް ކުރާކަށް މަސައްކަތެއް ނުކުރޭ. އަނެއްކާވެސް އާ ގެއަށް ރަޖިސްޓްރީ ކުރަނީ. އެހެންވީމާ ވަރަށް ގިނަ ފަހަރު މިމައްސަލަ ދިމާވަނީ. ކޮންމެ ގޮތެއްވިއަސް ރަޖިސްޓްރީ އުވާނުލާނަމަ އެހިދުމަތް ފޯރުކޮށްދެމުން ދަނީ. މިސާލަކަށް އަޅުގަނޑުމެން ދާއިރުގައި ތަން ތަޅުލާފަ ހުރި ކަމަށް ވާނަމަ އަޅުގަނޑުމެންގެ މެޝިންގައި ލޮކް ޖަހާނެ. އެހެންވިޔަސްވެސް އެދުވަހު އެއޮތީ އެ ގެއަށް ދެވިފައި. މިކަހަލަ ކުދިކުދި ކަންތައްތައް އަދިވެސް އެބައުޅޭ. މިކަންތައްތަކުން އަރައިގަނެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެން.
މުހައްމަދު ޝާން / މެނޭޖަރ

ޝާން ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް އާންމުންގެ ފަރާތުން ރަނގަޅު ތަރުޚީބެއް ލިބެމުންދާކަމަށާއި މިކަން ވެމްކޯއަށް ރަނގަޅަށް ކުރެވޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ވެމްކޯއަށް ހުށަހެޅޭ ޝަކުވާގެ އަދަދު އުޅެނީ 40 ގައި ކަމަށް ޝާން ވިދާޅުވި އެވެ.

މީގެއިތުރުން ޝާން ވިދާޅުވީ ރަޖިސްޓްރީ ނުކޮށް އަމިއްލަ އަށް ކުނިއުކާލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް އޮންނާނެ ކަމަށެވެ. އެގޮތުން އަމިއްލައަށް ކުނި އުކާނަމަ ޑީ ފޯމް ކިޔާ ފޯމެއް ފުރުމުން ކާޑެއް ލިބިގެންދާނެ ކަމަށާއި އެކާޑު ހިފައިގެން އައީމާ އަމިއްލައަށް ކުނިއުކާލެވޭނެ ކަމަށް ޝާން ވިދާޅުވި އެވެ. މީގެއިތުރުން ބިލްޑިންގ ސަރވިސް ގޮތުގައި ރަޖިސްޓްރީ ކުރުމުން މުޅި ގޭގެ ކުނި އެއްތާކަށް ޖަމާކޮށްފައި ބެހެއްޓުމުން އެތަނަކުން ކުނި ނަގަމުންދާނެ ކަމަށް ޝާން ވިދާޅުވިއެވެ.

މުޅި މާލެއިން ކުނި ނެގުމުގެ މަސައްކަތާއި ވެމްކޯއިން ރަސްމީ ކޮށް ހަވާލުވެ އެކަން ކުރަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
15 ޑިސެންބަރ 2019 | އާދީއްތަ 12:20
ސަކީނާ
އިލެކްޓްރިކް މީޓަރެއް ހުރި ކޮއްމެތަނަކަށް ބިލެއް ފޮނުވާ. އަދި މަގުމައްޗަށް ކުނިއަޅާމީހުން ވަގުތުން ޖޫރިމައިނާ ކުރޭ. އަބަދު ރަޖިސްޓަރީކަންތައް ހިގަނީ ރަގަޅަށްތޯ ބަލަން މީރާ ކުދިން ހަފްތާބަންދުގައި ނުކުއްނަގޮތަށް މަސައްކަތް ރާވާލާ.