މޫސުން ގޯސްވެ އދ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް އދ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ޔެލޯޓް އެލަރޓް ނެރެފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:45 އިން 8:45 އަށް ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މި ވަގުތުގެ ތެރޭގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.