ޗައިނާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ޖައްސާފައިވާ ކަމަށް އިންޑިއާގެ "ލޮކް ސަބާ ޓީވީ"އަށް ދެއްވި އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް، އެމަނިކުފާނަށް ޓްވިޓަރ ގައި ރައްދު ދެއްވައިފިއެވެ.
މަޖިލީހުގެ ވަފުދަކާއިއެކު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ "ލޮކް ސަބާ ޓީވީ"އަށް ދެއްވި އިންޓަރވިއުގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީއަކީ ކޮންކްރީޓު ކަމަށް ޗައިނާއިން ގަބޫލުކުރި ނަމަވެސް ދިވެހި ރައްޔިތުން އެގޮތެއް ބަލައެއް ނުގަންނަ ކަމަށެވެ. ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ދަރަނީގެ ވަޅުގަނޑަކަށް ރާއްޖެ ވައްޓާލާފައިވާ ކަމަށާއި ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުން މަޖިލީހަކުންވެސް ފާހެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ސަފީރު ވިދާޅުވީ އެއީ އަނެއްކާވެސް ރާއްޖޭގެ ސިޔާސީ ފަރާތެއް ނުވަތަ ޕޮލިޓިޝަންއެއް ދެއްކެވި އެއްވެސް އޮއްޓަރެއް ނެތް، ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. އަދި ޗައިނާ އިން ރާއްޖޭގެ ބިން އަތުލާތޯ ސުވާލުކުރައްވާ، ޗައިނާ އިން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓަތަކާއި އެހެން ގައުމަކުން ރާއްޖެއަށް ކުރާ އިންވެސްޓްމަންޓްތަކުގައި އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކައަށް ރައްދު ދެއްވާ ސަފީރު ކުރެއްވި ދެވަނަ ޓްވީޓުގައި ވަނީ މިހާތަނަށް ރާއްޖޭގެ ރިޒޯޓުތަކަށް އިންވެސްޓުކޮށްފައިވަނީ މަދު އަދެއްދެއްގެ ޗައިނާގެ ޕްރައިވެޓް ކުންފުނިތަކެއް ކަމަށެވެ.
ސަފީރުގެ ތިންވަނަ ޓްވީޓުގައި ވަނީ ރާއްޖެއާއި ޗައިނާއާއި ދެމެދުވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމު ކުރަން ޖެހޭ ކަމަށެވެ. އަދި މިނިވަން މުސްތަގިއްލު ގައުމެއްގެ ގަދަރު ހިފެހެއްޓުމަށް ވެސް ގޮވާލައްވާފައިވެއެވެ.
ފެއަރ ޓްރޭޑް އެގްރީމެންޓާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކައާއި ގުޅިގެން ޗައިނާ ސަފީރު ކުރެއްވި ޓްވީޓުގައި ވަނީ އެ އެއްބަސްވުން ގާއިމްކުރެވުނީ ދެ ގައުމުގެ ދެމެދުގައި އެތައް އަހަރުތަކެއްގެ މަޝްވަރާތަކަށްފަހު ކަމަށާއި އެ އެއްބަސްވުމާއި މެދު ކަންތައްކުރާނެ ރަނގަޅު ގޮތެއް ޚިޔާރު ކުރައްވާނެ ކަމުގެ އިތުބާރު ރާއްޖޭގެ ސަރުކާރަށް ކުރައްވާކަމަށެވެ.
ޗައިނާގެ ސަފީރުގެ އެހެން ޓްވީޓެއްގައި ވަނީ ޗައިނާ އެއްވެސް އިރެއްގައި ރާއްޖެ ދަރަނީގެ ވަޅުގަނޑަކަށް ވައްޓާނުލާ ކަމަށާއި، ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެެރުވުމަށާއި ރާއްޖޭއަށް ތަރައްގީ ގެނައުމަށް ވަރަށް ބޮޑަށް އެހީތެރިވާ ގައުމެއް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ދެ ގައުމުގެ ބައިލޭޓްރަލް ގުޅުމާއި މެދު ރާއްޖޭގެ ސިޔާސީ ބޭފުޅުން ކަންތައްތައް ކުރައްވާނީ ޒިންމާދާރުކަމާއެކު ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ދެ ގައުމުން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތައް ހަނދާން ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައށީް ނަޝީދު ދެއްކެވި ވާހަކައާއި ގުޅިގެން ޗައިނާގެ ސަފީރު ހޫނު ރައްދުތަކެއް ދެއްވާފައިވާއިރު މީގެ ކުރިންވެސް ދެބޭފުޅުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވެއެވެ.