ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކުގައި ގިނައިން ބައިވެރިވަނީ އަންހެނުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
އެގްރިކަލްޗަރ ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު މީޑިއާއާއި ބައްދަލުކުރައްވައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ މިއަހަރުގެ ތެރޭގައި 19 ރަށެއްގައި ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި ޖުމްލަ 470 ފަރާތަކުން ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 272 އަންހެނުނާއި 198 ކަމަށެވެ.
ބައެއް ރަށްރަށުގައި އެބަހުރި އެންމެ ފިރިހެން ބޭފުޅެއް ހުރެފައި ދެން ހަމަ ބާކީ ހުރިހާ ބޭފުޅުންނަކީވެސް އަންހެން ބޭފުޅުން ގޮތުގައި އެބަ ހަރަކާތްތެރިވޭ ވަރަށް ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކުރަމުންދާއިރުފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަލީ އާމިރު
އާމިރު ވިދާޅުވީ ދަނޑުވެރިކަމަކީ އެއްދުވަހުން އަނެއް ދުވަހަށް ވަރަށް ބައިވަރު ބަދަލުތަކެއް އަންނަމުންދާ މަސައްކަތަކަށް ވުމުން ދަނޑުވެރިކަން ކުރަމުންދާއިރު ތަފާތު އެކި ކަހަލަ މައުލޫމާތު ދަނދުވެރިންނަށް ބޭނުންވާ ކަމަށެވެ. އަދި މަސައްކަތުން އެބޭފުޅުން ނެރެން ބޭނުންވާ ފުރިހަމަ މަންފާ ނެރެވޭނީ ރަނގަޅު މައުލޫމާތުތަކެއް ލިބި އެމައުލޫމާތު ތަކުގެ ތެރެއިން މަސައްކަތް ކުރެވިގެންކަމަށް އާމިރު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، ރާއްޖޭގައި ދަނޑުވެރިކަމުގެ މައުލޫމާތު ހޯދާ ލިބިގަތުމަށް އޮންނަ ޑިމާންޑާއި އެއްވަރަށް އެ ޚިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް ގަބޫލުކޮށް އާމިރު ވަނީ ކެޕޭސިޓީ އޮތް މިންވަރަކުން ވީހާވެސް ރަނގަޅަށް އެމައުލޫމާތުތައް ފޯރުކޮށްދީ އެ ޚިދުމަތްތައް ދަނޑުވެރިންނާއި ހިސާބަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަނޑުވެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި އެކި ރަށްރަށަށް ދަތުރުކުރުމުގައި މިނިސްޓްރީގައި ހަރަކާތްތެރިވަނީ 8 ބޭފުޅުން ކަމަށް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ މިއަހަރުގެ ތެރޭގައި މިވަނީ ފީލްޑް އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ފެށިފައި ކަމަށާއި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެގްރިކަލްޗަރ ދާއިރާއިން ފީލްޑް އޮފިސަރ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިންޑިއާގެ ޓެމިލްނާޑޫ އެގްރިކަލްޗަރ ޔުނިވަރސިޓީއަށް ހަ ރަށެއްގެ ހަ ބޭފުޅަކު ފޮނުވިފައިވާކަމަށެވެ. މި ޕްރޮގްރާމް ނިންމުމަށްފަހު އެރަށްރަށުގައި އެބޭފުޅުން ޤާއިމްވެ ތިއްބަވާ ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތުތައް ދަނޑުވެރިންނާއި ހިސާބަށް ފޯރުކޮށްދެއްވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.