މާލޭގައި އިމާރާތް ކުރަމުންދާ މިސްކިތްތައް ނުނިމި ލަސްވާ ސަބަބުތައް ދެނެގަތުމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން ދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރިން ބުނެފައިވަނީ، މާލޭގައި އިމާރާތް ކުރެވެމުންދާ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް ނުނިމި ލަސްވަމުންދާތީ އެކަމާއި ގުޅޭގޮތުން މިސްކިތް އިމާރާތްކުރާ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ މިނިސްޓްރީން މިކަން ހައްލުކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.
މިހާރު މާލޭގާއި އިމާރާތް ކުރަމުންދާ ބައެއް މިސްކިތްތަކުގެ މައުލޫމާތު ހިއްސާކުރަމުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާފަންނު އާމިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތްވަނީ ނިމިފައިވާކަމަށާއި މިހާރު ކުރިއަށްދަނީ އެމިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މާވެޔޮ މިސްކިތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްކަމަށާއި މި މިސައްކަތްތަކުގެ ތެރޭގައި ގްލާސް ޕެނަލްތައް ހަރުކުރުމާއި ކަރަންޓް ސްވިޗްތަކާއި ސެޓްތައް ހަރުކުމުގެ މަސައްކަތް ހިމެނޭކަމަށެވެ. މީގެއިތުރުން ކުލަލާނުނިމި ހުރި ތަންތަނުގައި ކުލަލުމާއި، ކާޕެޓް އެޅުމާއި ކެލިގްރަފީގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަމިއްލަ ކުންފުންޏަކުން މީގެ ތިން އަހަރު ކުރިން ފަސް ބުރިއަށް ހަދަން ފެށި މާވެޔޮ މިސްކިތް ކުރިން ހުރީ ދެ ބުރިއަށެވެ. އެ މިސްކިތުގައި ގާތްގަނޑަކަށް 1100 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިސްކިތް ހުޅުވުމަށް އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ނިމިދިޔަ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައެވެ.