ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީ އަކާއެކު ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ކޯލިޝަން ހަދާނީ އެޕާޓީއެއް ސަރުކާރު ކޯލިޝަނުން ވަކިވުމުން ކަމަށް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނައިބު ރައީސް އަދި އިންތިޚާބުގެ ކަންކަން ކުރާ ސްޓިއަރިންގ ކޮމިޓީގެ ކަންކަން ވިލަރެސް ކުރައްވާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށް އެ ކޯލިޝަނުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ކުރިޔަށް އޮތް އިންތިޚާބުގައި އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދާފާނެތޯ "ރާއްޖެއެމްވީ" ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވިދާޅުވީ ކޯލިޝަން ހެދުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަކަށްވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެފަރާތެއް ވާންޖެހޭނީ ސަރުކާރާ އިދިކޮޅު ފަރާތަކަށް ކަމަށް މުޢިއްޒު ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި އޮތް އެއްވެސް ޕާޓީއަކާ އަޅުގަނޑުމެން މިފަހަރު ކޯލިޝަނެއް ނަހަދާނަން. އަޅުގަނޑުމެންނާ ކޯލިޝަން ހެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް އެބައޮތް. އެހެންނަމަވެސް މިހާރު މިއޮތް ސަރުކާރުގެ ކޯލިޝަންއިން ވަކިވެގެން އައިސް އަޅުގަނޑުމެންނާ މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ.ޕީޕީއެމްގެ ނައިބު ރައީސް ޑރ މުހައްމަދު މުޢިއްޒު
މުޢިއްޒު ވިދާޅުވީ މިވަގުތު ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނީ ހަމައެކަނި ޕްރޮގްރެސިވް ކޯލިޝަން ކަމަށާއި އެހެންކަަމުން މިފިކުރުގައި މަސައްކަތްކުރާ ފަރާތްތަކާއެކުގައި ކުރިޔަށްދާން ޤަސްދުކުރާ ކަމަށެވެ.
މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި ކޯލިޝަން ހަދައިގެން ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން ދެ ޕާޓީންވެސް ވަނީ އެއް ޕާޓީ އަނެއް ޕާޓީއަށް ދާއިރާތަކަށް ކުރިމަތިލުމުގައި ދޫތަކެއްދީގެން މަސައްކަތްކޮށްފަ އެވެ. އަދި އެއް ޕާޓީއަކުން ކުރިމަތިލީ ދާއިރާގެ ކެންޑިޑޭޓް އެއީ އަނެއް ޕާޓީން ތާޢީދުކުރާ ކެންޑިޑޭޓްކަމަށް އިޢުލާންކޮށްގެން ވަނީ މަސައްކަތްކޮށްފަ އެވެ.
ނަމަވެސް ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނުން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާން ނިންމާފައިވާ ކަމަށާއި ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލުމަށް ނިންމާފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލާ ހުރިހާ ދާއިރާތަކެއްގައި ޕްރައިމަރީ ބާއްވާނެ ކަމަށްވެސް ޑރ މުޢިއްޒު ވިދާޅުވި އެވެ.