Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 15:31
ރިޔާސީ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުން އާދަމް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ
ރިޔާސީ ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމުން އާދަމް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފަ
ރައީސް އޮފީސް
މަރު ކޮމިޝަން
މަރު ކޮމިޝަނުން އާދަމް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުން އާދަމް އިބްރާހީމް އިސްތިޢުފާ ދެއްވައިފިއެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ އާދަމް އިބްރާހީމް މި މަހުގެ 8 ވަނަ ދުވަހު ކޮމިޝަނުން އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ.

ކޮމިޝަނުން އާދަމް އިބްރާހީމް އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވަނީ އެމަނިކުފާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން އެ ކޮމިޝަނުން އިސްތިޢުފާ ދެއްވާފައެވެ.

Advertisement

އެ ދެބޭފުޅުން ކޮމިޝަނުން އިސްތިޢުފާ ދެއްވުމާއެކު އެ ކޮމިޝަނުގައި މިހާރު ތިއްބަވަނީ ތިން މެމްބަރުންނެވެ. އެއީ، މިސްބާހް އައްބާސް އާއި ފަރީޝާ ޢަބްދުﷲގެ އިތުރުން އަޙްމަދު ނާޝިދެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން އުފައްދަވާފައިވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީއެވެ.

ކޮމިޝަނުން ކޮށްފައިވާ ބައެއް މަސައްކަތްތަކަށް ބަލާލާއިރު އެ ކޮމިޝަނުން މަރުގެ ބޮޑު ދެ މައްސަލައެއް ބަލާފައިވެއެވެ. އެއީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް