ރ. މަޑުއްވަރީގައި އުމުރުން 13 އަހަރުގައި ބަލިވެ އިދެ، ވިހެއި މައްސަލައާއި ގުޅިގެން ފެންމަތިވި އިހުމާލްގެ މައްސަލަތަކާއި ގުޅިގެން އެ ކުދިންގެ މައިންބަފައިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއަކުން އެ އާއިލާގައި ހިމެނޭ ކުދިންނަށް ލިނެންޖެހޭ އަސާސީ ހައްޤުތަކުން މަހުރޫމްކޮށް ގެންގުޅެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އާއި އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދީ، ސުކޫލަށް ނުފޮނުވާ އެ ކުދިންނަށް އިހުމާލުވަމުންދާކަމަށް ހުށަހެޅި ތަހުޤީޤްކުރެވެމުންދާ މައްސަލައާއި ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި އެ ކުދިންނަށް އިހުމާލްވަމުންދިޔަ އެ ކުދިންގެ މައިންބަފައިން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނަކާއި، 47 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުންޏެވެ.
13 އަހަރުގައި ބަލިވެ އިނދެ އެ ކުއްޖާ ވިހެއިކަން ހާމަވީ، ރ. މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާއާއި މި ޒުވާނާ ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. މިއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ 15 ދުވަހުގެ މުދައްތަކަށް ބަންދުކޮށްފައެވެ.