Advertisement
ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 23:36
ކަރާ ދަނޑެެއް
ކަރާ ދަނޑެެއް
ޓްވިޓަރ
މަޖިލިސް
‎ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސު ސޯލިހު ތަސްދީގު ކުރައްވައިފި
މަޖިލީހުން މި ބިލް ބަލައިގަނެފައިވަނީ 70 މެމްބަރުންގެ ވޯޓުން
މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގް
މަޖިލީހުން މި ބިލް ފާސްކޮށްފައިވަނީ 72 މެމްބަރުންގެ ވޯޓުން

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

‎ރައީސުލްޖުމްހޫރިއްޔާ އާދީއްތަ ދުވަހު ތަސްދީޤުކުރެއްވި މިބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 72 ވަނަ ޖަލްސާގައި ފާސްކުރި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލެވެ.‎

މި ބިލްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާއި ބެހޭ އުސޫލްތައް ކަނޑައަޅައި، ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލްތައް ބަލައި ފިޔަވަޅު އެޅުމާއި، ޕެސްޓިސައިޑާއި ގުޅޭ އެނޫން ވެސް އުސޫލްތައް ބަޔާންކޮށްފައިވެއެވެ. މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި، އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، އުފެއްދުމާއި، ބޭނުންކުރުމާއި ބެލެހެއްޓުމާއި، ނައްތާލުމާއި ގުޅޭ އުސޫލްތައް ކަނޑައެޅިގެންދާނެއެވެ.

Advertisement

ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

މިބިލު ތަސްދީގުކުރެވި ޤާނޫނަކަށް ވެގެންދިއުމާއެކު މި ޤާނޫނުން ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރުގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް ދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގައި ޤާއިމުކުރެވި، މި ޔުނިޓުގެ މަސައްކަތްތައް ވަކިވަކިން ބަޔާންކުރެވިގެންދާނެއެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައް ޤާއިމްކުރެވިގެންދާނެއެވެ. މީގެއިތުރުން ޕެސްޓިސައިޑްގެ ވިޔަފާރި މޮނިޓަރކޮށް ކަމާގުޅޭ ތަފާސްހިސާބު އެއްކޮށް އިވެލުއޭޓްކުރުމާ ބެހޭ ކަންކަމާއި ގުޅޭ ތަފްސީލުތައް ވެސް ބަޔާންކުރެވިގެންދާނެއެވެ.

‎މި ޤާނޫނާ ޚިލާފަށް ކަންކަން ކުރަމުންދާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުން 5000 ރުފިޔާ އާއި 100،000 ރުފިޔާ އާއި ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުންވެސް މި ބިލުގައި ހިމެނެއެވެ.‎ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލުވަނީ ޤާނޫނެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް