އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ހަވާލުކޮށްފައިވާއިރު، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކުރައްވާފައިވަނީ ގާނޫނު އަސާސީގެ 148 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އަދި އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އަދުނާން އައްޔަނުކުރައްވާފައިވަނީ ގާނޫނު އަސާސީގެ 147 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.
އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން ޢައްޔަނުކުރުމަށް 68 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަނުކުރުމަށް 64 މެމްބަރުން ވޯޓު ދެއްވާފައިވާއިރު 1 މެމްބަރަކު ވަނީ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.
އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަނުކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުން ދީފައިވަނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް އަދި އެ ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކަށް ޢައްޔަނުކުރަން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފު ރިޓަޔަރ ކުރެއްވުމާއިވެސް ގުޅިގެންނެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.
މުޢުތަޞިމް އަދުނާނަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރެކެވެ. މުޢުތަޞިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެންނެވެ. އެ އިޞްލާޙާ ގުޅިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ވެސް ފަނޑިޔާރުކަމުން ވަނީ ވަކިކުރައްވާފަ އެވެ. އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެއްވިއިރު، އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށްވެސް ފުރުޞަތު ދެއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަަމަށް ސުއޫދު އައްޔަނުކުރުމާއި ގުޅިގެން ސުއޫދު ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ.