ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 19:40
ފުލުހުން މީހަކު ހައްޔަރުކުރަން ހަރަކާތްތެރިވަނީ
ފުލުހުން މީހަކު ހައްޔަރުކުރަން ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިޕޯޓު
ފުލުހުން ކިތަންމެހާވެސް ގިނަ، ވަސީލަތްވެސް އެބަހުރި، ނަމަވެސް ނަތީޖާއެއް ނުނެރެވޭ!
އަދިވެސް ފުލުހުންނަކަށް ރައްޔިތުން އިތުބާރެއް ނުކުރޭ
ވަސީލަތްތަކާއެކު ތަހުގީގަށް އެތަށް ދުވަސްތަކެއް، އިންސާފެއް ނުލިބޭ
ރައްޔިތުނަށް އަމާން މާހައުލެއް ގާއިމުކުރުމަށް ހަރުދަނާ މަސައްކަތް ކުރަންޖެހޭ

ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ ދިވެހި ފުލުހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފުލުހުންގެ މަގްސަދަކީވެސް "ޓު ޕްރޮޓެކްޓް އެންޑް ސާރވް" އެވެ. އަބަދުމެ ރައްޔިތުން ދައްކާ އެއްވާހަކައެއް އޮވެއެވެ. ރައްޔިތުންނަށް ރައްކައުތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ނޫ ކުލައިގެ ޔުނިފޯމް ތުރުކުރައްވައިގެން ބޮޑު ހުވައެއް ކޮށްގެން ތިބޭ މީހުންނަށް އެކަން ނުވާވާހަކައެވެ.

މި ސަރުކާރު ވުޖޫދައް އައުމާއެކު ޖިނާއީ އިޖްރާއަތްތަކުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެވި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާއިރު ހަގީގަތުގައި އޭގެއިން ވީ ކޮންކަމެއްތޯއެވެ. އެ ކަންތައްތަކަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ފުލުހުންނަށް ރައްޔިތުންގެ ހައްގުތަށް ކަޝަވަރުކޮށްދީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި ކިހާވަރެއްގެ މަސައްކަތެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ.

ފާއިތުވެގެންދިޔަ އަހަރުތަކަށް ބަލާއިރު، ރާއްޖޭގައި ގޮތް ނޭނގޭ މަރުތަކާއި، ބޮޑެތި ކުށްތަކުގެ ޝާމިލްވި ފަރާތްތަށް އިންސަފުގެ ކުރިމައްޗަށް ގެނެވިފައެއް ނުވެއެވެ. ފުލުހުންގެ ޖަވާބު ވަރަށް ސާފެވެ. އަބަދުވެސް ބުނަމުން ދަނީ ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާ ވާހަކައެވެ. ގާތިލެއްވެސް އިންސާފުގެ ކުރިމައްޗަށް ގެނެވޭ ދުވަހެއް ނާދެއެވެ.

ގައިމުވެސް ފުލުހުންގެ މުއައްސަސާގެ ވަސީލަތްތައް ނެތޭ ބުނެ ދެއްކޭނެ ބަހަނާއެއް ނޯންނާއެވެ. ސާރކް ގައުމުތަކުގެ ސަރަހައްދަށް ބަލާލިކަމުގައިވިޔަސް ޑީއެންއޭ ޓެސްޓް ރިޒަލްޓްސް އެންމެ އަވަހަށް ލިބޭނެ އެއް އިދާރާއަށް ފުލުހުން ވާނެކަން ހަމަ ޔަގީން ކަށަވަރެވެ. ފޮރިންސިކް އެނަލިސްޓުންވެސް މަދެއް ނުވާނެވެ. އެކަމަކު އޭގެއިން ވާފައިދާއެއް އެބައޮތްތޯއެވެ. މުޅި މުއައްސަސާ ފާއިތުވެގެންދިޔަ ދުވަސްތަކުގައި އޮތީ ސިޔާސީ ކުލަ ޖެހި ކިލަނބުވެފައެވެ. އުފެދޭ ސުވާލުތަށް ކިތަންމެހާވެސް ގިނައެވެ.

ގާނޫނީ ބޮޑު ހުވައެއް ކޮށްގެން ތިބެ މަގާމުގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާ ނުކުރެވެނީ ކީއްވެތޯއެވެ؟ ފުލުހުންނަށް ލިބިފައިވާ ބާރުތަކަށް ބަލާލުމުގެ ކުރިން ކަން ހިނގާގޮތަށް ކުޑަކޮށްނަމަވެސް ނަޒަރު ހިންގާލާއިރު، ފުލުހުން ވަރަށް ރަނގަޅަށް ކުރަމުންދާ ކަންތައްތަކަށް އަލިއަޅުވާލާނަމެވެ. ސްޓިކާޖެހުމާއި ޓްރެފިކް ގަވާއިދާއި ހިލާފަށްދާ އުޅަނދުތަކާއި އެކި ފަރާތްތަށް ޖޫރީމައިނާ ކުރަން ކިތަންމެހާވެސް ކުޅަދާނައެވެ.

ކޮންމެ ހަފްތާއަކު ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބުތަށް އާންމުކުރަން ވަރަށް ކުޅަދާނައެވެ. ފުލުހުންގެ މުއައްސަސާ ތަފާތު ޑިޕާޓްމަންޓަށް ބެހިފައިވާކަންވެސް އެނގެއެވެ. ގައުމުގެ އަދުގެ ހާލަތަކީ މުއައްސަސާތަށް ނިދިން ހޭލަނީ ބޮޑު ހާދިސާއެއް ހިނގައިގެން އެކަންޏެވެ. ހުޅުމާލެ-މާލެ ބްރިޖް ހައިވޭގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން މެނުވީ ފުލުހުންގެ މަސައްކަތެއް ނުފެންނާނެވެ. ބެރިކޭޑް އަޅައިގެން ޖޫރީމައިނާކުރަން ތިބުމަކުން އެކަން ނުފުދެއެވެ. ރައްކާތެރި ތަނަކަށް ގައުމު ހެދުމަށްޓަކައި އެޔަށްވުރެން ރަނގަޅު ނިޒާމެއް އޮންނަންޖެހެއެވެ. ފުލުހުން ހައިވޭގައި ދެކޮޅަށް ސައިރެން އަޅަމުން ކާރެއްގައި ދުއްވާތަން ނުފެންނާނެ މީހަކު މަދުވާނެވެ. މީގެއިން ހާސިލްވާ އެއްކަމެއްވެސް އެބައޮތްތޯ؟ ފުލުހުންނަށް ސިއްރު ބަޔާނެއް ދިނަސް އަނެއް ދުވަހު އެމީހަކަށް މަރުގެ އިންޒާރު އާދެއެވެ. ތަހުގީގީ އިދާރާއަކަށް ދޭ ކޮންފިޑެންޝަލް މައުލޫމާތު އާންމުވަނީ ކިހިނެއްތޯއެވެ؟

އެންމެ ފުރަތަމަވެސް ފުލުހުންގެ ތެރޭގައި ހުރި މައްސަލަތައް ބެލުމަށްޓަކައި މަހާސިންތާއެއް ބޭއްވުނެވެ. ފުލުހުންގެ މައި މަރުކަޒަށް ބަލާލިކަމުގައިވިޔަސް ރައްޔިތުމީހާ މައްސަލައެއް ހުށަހަޅަން ދިޔަސް އެ ތަނުގައި 4 ވަރަކަށް ގަޑިއިރު ބަޔާނެއް ދޭންއެކަނިވެސް މަޑުކުރަންޖެހެއެވެ. ބަޔާން ނަގަން މީގެ 15 ވަރަކަށް އަހަރު ކުރިންވެސް ހުރި ގޮތަށް އަދިވެސް ހުންނަނީ އެންމެ 3 ތަނެވެ. މުއައްސަސާ ކުރިއަރުވައި ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރާ މިންވަރު ހަމައެކަނި މިކަމަށް ބަލާލުމުންވެސް ފުދޭނެއެވެ.

ފުލުހުންނަށް ގައުމުގެ ހިނގާފައިވާ ބޮޑެތި މަރުތަކުގެވެސް ހަގީގަތް ހާމަނުކުރެވުމުން، މި ސަރުކާރު ވުޖޫދަށް އައުމާއެކު އެންމެ ފުރަތަމަވެސް ކުރެއްވިކަމަކީ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ ގޮތުން ބާރުދީ ވަކިން ހާއްސަ ކޮމިޝަނެއް އުފެއްދުމެވެ. މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވަ މީހުންގެ މައްސަލަތަށް ހަގީގަތް ހޯދުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ފެއްޓެވި މަސައްކަތާއެކު އަހަރެއް ނުވަނީސް ރައްޔިތުނަށް އެކަންތަކުގެ ހަގީގަތް ކޮންމެވެސް ވަރަކަށް ތިލަކޮށްދީފިއެވެ.

ކޮންމެއަކަސް އެކަމުންވެސް އެނގުނު އެއް ހަގީގަތަކީ ގައުމުގައި ހިނގާފައިވަ ބޮޑެތި ކަންތައްތައް ފޮރުވުމަށްޓަކައި ބައެއް ފުލުހުންވެސް މަސައްކަތް ކޮށްފައިވާކަމެވެ. މުއައްސަސާގެ ނަން ހަޑިކުރުމުގައިވެސް ހަމަ ގާނޫނީ ހުވާކޮށްގެން ތިބި ފަރާތްތައްވެސް ހިމެނޭކަމެވެ. މަރުގެ ކޮމިޝަނުގެ އެއިރުގެ ރައީސްވެސް އެތަށް ފަހަރެއްގެ މަތީން ފުލުހުންގެ ފަރާތުން ތަހުގީގުތަކަށް އެއްބާރުލުމެއް ނުލިބޭކަމަށް މީޑިއާތަކަށް މައުލޫމާތުދެއްވާފައިވެއެވެ.

އެއް ހާދިސާއަށް ނަޒަރު ހިންގާލާއިރު، ކޮމިޝަންގެ ހޯދުންތަކުން އެނގުނު ގޮތުގައި ރިލްވާން މަރާލިއިރު، އެކަމުގައި ދީނީ ހަރުކަށި ވިސްނުމުގެ މީހުންގެ އަތަކާއި، ފުލުހުންގެ ބައިވެރިވުން ވެސް އޮތްކަން އެނގުނެވެ. ރިލްވާން މައްސަލައިގެ ރިޕޯޓާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް އިސްލާހު ކުރުން ކަމަށެވެ. ފުލުހުންގެ މުއައްސަސާ މިހާރު އޮތް ހާލަތުން މަރު ކޮމިޝަނަށް ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތު ވުމުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. އެބާރުގެ ދަށުން ކޯޓު އަމުރަކާނުލާ ކޯޓަށް ހާޒިރުނުކޮށް 24 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ. އަދި ބިލްގައި ބުނާ ބޮޑެތި ބައެއް ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ގާނޫނޫ އަސާސީން ލިބިދޭ ހައްގުތައް ހިފެހެއްޓިގެންވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

މަޖިލިސް ޗުއްޓީގައި އޮތްވާ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ގާނޫނު ހަދާ މަޖިލީހުންވެސް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނެވެ. މިހާތަނަށް ކުރެވުނު ކަމަކީ ކޮބައިތޯއެވެ؟ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ބަޔަކު ހައްޔަރުކުރުން ނޫންކަމެއް ނުވެއެވެ. ފުލުހުންގެ ބަޔަކަށް ތުހުމަތުކުރެވިފައިވާއިރު ޖިނާއީ އިޖްރާއަތްތަކުގެ ގާނޫނުގެ ދަށުން ބާރުލިބުމުންވެސް އެމީހުނެއްވެސް ހައްޔަރެއް ނުކުރެވެއެވެ.

ބޮޑެތި ހައްސާސީ މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާއަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި ރައްޔިތުންވެސް އިތުބާރެއް ނުކުރެވެ. ޓްރާންސްޕެރެންސީ މޯލްޑިވްސްގެ ދިރާސާތަކުން އެކަން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ކިތަންމެ ބޮޑެތި ބާރުތަކެއް ދިނަސް އަދުލު އިންސާފު ގާއިމު ކުރުމުގެ ރޫހުގައި މަސައްކަތް ކޮށްގެން ނޫނީ އެކަމަށް އެދެވޭ ހައްލެއް ނާންނާނެވެ. ބޮޑު މުއައްސަސާއެކެވެ. ކަމަށް ގާބިލް އެތައް ބަޔަކު އެބަތިއްބެވެ.

ވަސީލަތްތައްވެސް މަދެއް ނޫނެވެ. ނަމަވެސް އެކަން ސީރިއަސްކަމެއްގެ ގޮތުގައި ނަގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރެވެނީ ކިހާވަރަކަށްތޯއެވެ؟

އެންމެ ފަހުން މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ ކޭސް އަށް ބަލާލިކަމުގައިވިޔަސް ފުލުހުންގެ ގާބިލްކަން އެނގިގެންދެއެވެ. 4 ދުވަސް ވެގެންދާއިރު ތުހުމަތުގައިވެސް އަދި އެނޫންވެސް ކަމެއްގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އާއިލާއަތަކަށް އިންސާފު ހޯދައިދީ ރައްޔިތުންނަށް ރައްކައުތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ހަގީގަތުގައިވެސް އެ އިދާރާ އޮތީ ބޮޑުތަނުން ފެއިލްވެފައިކަން އެނގެއެވެ.

މިއަދުގެ ހަޤީޤަތަކީވެސް ފުލުހުންގެ އިދާރާއަސް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމެވެ. ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތަށް މަދު ނޫންކަމެވެ. އެކަންކަމުގައި ފުލުހުންނަށް އަދި މިހާތަށް އެކަށީގެންވާ މަސައްކަތަކެއް ކުރެވިފައިނުވާކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް