ކ. މާފުށީގައި ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
700 އަށްވުރެ ބޮޑު އާބާދީއަށް އޮންނަ މާފުށީގައި ސްޓެލްކޯއިން މީގެކުރިން ޚިދުމަތްދެމުން އައިސްފައިވަނީ 1600 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި، 1000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރުގެ އިތުރުން 888 ކިލޯވޮޓްގެ އެއް ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ.
ނަމަވެސް މާފުށީގައި ހިނގަމުންނަ އަންނަ ފަތުވެރިކަމުގެ ވިޔަފާރި ފުޅާވެ ގެސްޓްހައުސްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު ކަރަންޓްގެ ޑިމާންޑް އިތުރުވެ ޑިމާންޑަށް ބަލާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބެހެއްޓި 1600 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރާއެކު މެދުނުކެނޑި ކަރަންޓް ފޯރުކޮށްދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ކުރިއަށް އޮތްތާގައި ވެސް މާފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާނެކަމަށް ލަފާކުރެވޭތީ ޑިމާންޑަށް ބަލާ އިތުރު އިންޖީނެއް ކުރިއަށް އޮތްތާގައި މާފުށްޓަށް ގެންދަންޖެހޭނަމަ އެކަން ކުރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
މާފުށީ އިންޖީނުގެއިން މިހާރުދަނީ 770 ގެއަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެތެރެއިން ކަރަންޓުގެ އެންމެ ބޮޑަށް ބޭނުންކުރަމުން އަނަނީ އަލަށް ހެދޭ ގެސްޓްހައުސްތަކުންނެވެ.